ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނުމަށް ފައިސާ ޚަރަދުކުރި މީހުން ހޯދުމަށް އެމްރިކާގެ ތަޖުރިބާކާރެއް ވަރަށް އަވަހަށް ތަހުގީގް ޓީމާއި ގުޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި، ރައީސް ވިދާޅުވީ، އެހަމަލާގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާކަމަށާއި،. އެގޮތުން މިހާތަނަށް އެ ހަމަލާގައި އަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ 4 މީހަކުހައްޔަރުކޮށްފައިވާކަމަށެވެ. އަދި އެ ހަމަލާ ދިނުމަށް އެކި ގޮތްގޮތުން ބައވެރިވެފައިވާ އިތުރު މީހުންވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފައިސާ ޚަރަދުކުރި މީހުން ހޯދުމަށް، އެމެރިކާގެ ޚާއްޞަ އެކްސްޕާޓެއް ވަރަށް އަވަހަށް ތަހުގީގީ ޓީމާއި ގުޅޭނެކަމަށެވެ. ރައީސް ވިދާޅުވީ އެ ހަމަލާ ދިނުމަށް ރޭވި އަދި އެކަމުގައި އެންމެ އިސްކޮށް ބައިވެރިވި މީހުންނާއިގުޅޭ ގިނަ މަޢުލޫމާތުތަކެއް މިހާރު އެއްކުރެވިފައިވާކަމަށެވެ. އަދި ތަހުގީގް ކުރިއަށްދާންވީ މިސްރާބު އެނގޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ތަހުގީގް ކުރިއަށް ދާގޮތް ބެލުމަށްޓަކައި ސްޕެޝަލް އެންވޯއީއެއްގެ ގޮތުގައި އަޅުގަނޑުގެ ފަރާތުން މީހަކު އައްޔަންކުރުމަށް ވަރަށް އަވަހަށް ނިމިގެންދާނެ.
– ރައީސް
މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ގޮއްވާލައިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިން މައްސަލާގައި ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދުއެވެ. އަދި މި ހަމަލާ ދިނުމުގައި ތުހުމަތުކުރެވޭ މީހަކު ވަނީ ބ.ދަރަވަންދޫއިންވެސް ހައްޔަރުކޮށްފައެވެ. އެއީ ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހުއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު މިވަގުތު ހުންނެވީ ޖަރުމަންވިލާތުގައެވެ. އަދި ފަރުވާއަށްފަހު ހޮސްޕިޓަލުން ވަނީ މިހާރު ދޫކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ