ރަޝިޔާގެ 200،000 ވެކްސިން ޑޯޒް ރާއްޖެއަށް ގެނައުމަށް ނިންމައިފި

ރަޝިޔާގެ 200،000 ވެކްސިން ޑޯޒް ރާއްޖެއަށް ގެނައުމަށް ނިންމައިފި

Author
މުޙައްމަދު ޖިމީ
25 މެއި 2021 11:46
0

ރަޝިއާގެ ސްޕަޓްނިކް ވެކްސިންގެ 200،000 ޑޯޒް ގަތުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރަޝިޔާއިން އުފައްދާފައިވާ ކޯވިޑް ވެކްސިން "ސްޕަޓްނިކް ވީ" ރާއްޖޭގައި ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދީފައެވެ. ނަމަވެސް އަދި ރާއްޖެއަށް ރަޝީއާ ވެކްސިން ގެނެސްފައެއް ނުވެއެވެ.

މިރޭގެ ޕްރެސްކޮންފަރެންސްގައި ރައީސް ވިދާޅުވީ، ދެތިން ދުވަހުގެ ތެރޭގައި ރަޝީޔާގެ ކޯވިޑް ވެކްސިނަށް އޯޑަރު ދެވޭނެކަމަށެވެ. އެކަމަށްޓަކައި ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތް ފުރިހަމަކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ވެކްސިން ގެނައުމަށް އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެކަމަށާއި، ސޮއިކުރެވޭތާ 4 ވަރަކަށް ހަފްތާގެ ތެރޭގައި ވެކްސިން ރާއްޖެއަށް ގެނެވޭނެކަމަށް ވިދާޅުވިއެވެ.

ސްޕަޓްނިކް-5 ވެކްސިން އުފައްދަނީ ރަޝިއާގެ ކުންފުންޏެއްކަމަށްވާ "ދި ގަމާލޭޔާ ނޭޝެނަލް ސެންޓަރ އޮފް އެޕިޑާރމަލޮޖީ އެންޑް މައިކްރޯބައޮލޮޖީ" އިންނެވެ. އަދި ދުނިޔޭގެ 66 ޤައުމެއްގައި އިމަރޖެންސީ ޔޫސް އެޕްރޫވަލް ލިބި، މިހާރުވެސް އަންނަނީ މި ވެކްސިން ބޭނުންކުރަމުންނެވެ.

މި ވެކްސިން ބަހައްޓަންޖެހޭނީ -18 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައެވެ. އެމް.އެފް.ޑީ.އޭއިން މި ވެކްސިނަށް ހުއްދަ ދީފައިވަނީ ވެކްސިން ރާއްޖެ އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެންނެވެ. އަދި އެމް.އެފް.ޑީ.އޭއާއި މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއާއި ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުންދާނެކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް ހުއްދަ ދީފައިވަނީ 4 ވެކްސިނަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮވިޝީލްޑް ވެކްސިނާއި، ސައިނޮފާމް ވެކްސިންނާއި ފައިޒާ ވެކްސިންގެ އިތުރުން ސްޕަޓްނިކް ވީ ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.