އެލްޖީއޭގެ ބޯޑަށް ނިމާލް އިންތިޚާބުވެއްޖެ

އެލްޖީއޭގެ ބޯޑަށް ނިމާލް އިންތިޚާބުވެއްޖެ

Author
މުޙައްމަދު ޖިމީ
25 މެއި 2021 07:00
0

ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެލް.ޖީ.އޭ) ގެ ބޯޑުގައި އަތޮޅު ކައުންސިލްގެ ރައީސްގެ ތެރެއިން އިންތިޚާބުކުރަންޖެހޭ ބޭފުޅަކަށް ކ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް އިންތިޚާބުވެއްޖެއެވެ.

އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މެންބަރުކަމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވީ، ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އާއި ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ. ބަޝީރަކީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލަރެކެވެ. އަދި ނިމާލަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރެކެވެ.

އެމަޤާމަށް ނިމާލް އިންތިޚާބު ވެފައިވަނީ، އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ސުންގަޑި ހަމަވިއިރު، ނިމާލް އެކަނި އެމަޤާމަށް ކުރިމަތިލުމުންނެވެ. ބަޝީރު އެމަޤާމަށް ކުރިމަތިލައްވާފައިވަނީ ސުންގަޑި ހަމަވިފަހުންނެވެ. އެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00އަށެވެ. އީސީން ބުނީ ބަޝީރ ފޯމް ހުށައެޅުއްވީ 02:04ގައިކަަމަށެވެ. ނަމަވެސް ބަޝީރު ވަނީ އެކަން ދޮގުކުރައްވާފައެވެ.

އެލްޖީއޭގެ ބޯޑަށް ނިމާލް އިންތިޚާބު ވުމާއި ގުޅިގެން އޭނާ ވިދާޅުވެފައިވަނީ، އެލްޖީއޭގެ ބޯޑުގައި މަސައްކަތްކުރައްވަނީ ސިޔާސީ ފިކުރަށް ބެލުމެއް ނެތި ހުރިހާ ކައުންސިލްތަކަށްވެސް ހަމަހަމަ ފުރުސަތު ހޯދާ ދިނުމަށްކަމަށެވެ.

09 މެމްބަރުން ތިއްވަބާ އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.