ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ ފައުންޑޭޝަންގެ ބާނީ، ޤާސިމް އިބްރާހީމްގެ ލޯން އެހީގެ ދަށުން ނުވަތަ އެނޫންވެސް އެހީއެއްގައި ސިއްޙީ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންނަށް ލޯން މަޢާފްކޮށްދެއްވައިފިއެވެ.
ކޯވިޑް-19އާއި ގުޅިގެން ގިނަ ބައެއްގެ އާމްދަނީއާއި ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ މިދަނޑިވަޅުގައި ލޯނު މައާފްކޮށްދެއްވާފައިވާކަން ބަޔާންކޮށް ނެރެފައިވާ ބަޔާނެއްގައި ވަނީ ވިލާ ފައުންޑޭޝަންގެ ދަށުން ޤާސިމްގެ އެހީގައި ސިއްޙީ ދާއިރާއިން ކިޔަވަމުން އަންނަ އަދި ކިޔަވާ ނިމިފައިވާ އެއްވެސް މީހަކަށް އެއްވެސް މިންވަރެގެ ފައިސާގެ އެހީތެރިކަމެއް ލިބިފައި ވާނަމަ އެލިބިފައިވާ އެހީތެރިކަމުގެ ތެރެއިން އެއްވެސް މިންވަރެގެ ފައިސާއެއް ދެއްކުމަށް އެއްބަސްވެވި ވިލާފައުންޑޭޝަނައް ނުދެއްކި ވާނަމަ، އެ ނުދެއްކެވި އޮތްމިންވަރެއްގެ ފައިސާ މާދަމާއިން ފެށިގެން މައާފްކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. އަދި އެއީ ކިތަންމެ ބޮޑު ޢަދަދެއްގެ ފައިސާ ކަމައްވިޔަސް އަދި ކުޑަ އަދަދެއް ކަމައް ވީނަމަވެސްކަމަށް ބަޔާންކޮށްފައިވެއެވެ.
އަޅުގަނޑުގެ ފާރާތުން އެކި މިންވަރުގެ އެހީތެރިކަން ސިއްހީދާއިރާއިން ކިޔަވާވިދާޅުވުމަށް ފުރުސަތު ލިބިވަޑައިގެން މެޑިސިން ، ނާރސިންގ އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ކިޔަވާވިދާޅުވެގެން ތިއްބެވި ޑޮކްޓަރުންނާއި ނަރުހުން، ފާމަސިސްޓުންނާއި ލެބޯޓްރީ ޓެކްނީޝިއަނުން، އަދި މެޑިކަލްސައިންސްގެ ރޮގުން ކިޔަވާވިދާޅުވެ ރާއްޖޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި އަދި ރާއްޖެއިން ބޭރުގައި ނަމަވެސް އިންސާނިއްޔަތަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންގެތެރެއިން ވިލާފައުންޑޭޝަނުން ނުވަތަ އަޅުގަނޑުގެ ފަރާތުން ނަމަވެސް އިސްވެ ދެންވިދިޔަ ދާއިރާތަކުންކުރެ ދައިރާއަކުން ކިޔަވައިވިދާޅުވުމަށް އެއްވެސް މިންވަރެގެ ފައިސާގެ އެހީތެރިކަމެއް ލިބިފައި ވާނަމަ އެލިބިފައިވާ އެހީތެރިކަމުގެ ތެރެއިން އެއްވެސް މިންވަރެގެ ފައިސާއެއް ދެއްކުމަށް އެއްބަސްވެވި ވިލާފައުންޑޭޝަނައް ނުދެއްކި ވާނަމަ، އެ ނުދެއްކެވި އޮތްމިންވަރެއްގެ ފައިސާ މިއަދު (26 މޭ 2021) ދުވަހު އަޅގަނޑު ޤާސިމް އިބްރާހިމް ތިޔަ އެންމެބޭފުޅުންނަށް މާތް ﷲގެ حَضْرَة އިން ވާގި ޢެދިހުރެ މަޢާފްކޮށްދީފީމެވެ.
– ޤާސިން އިބްރާހީމް
ޤާސިމްގެ ބަޔާނުގައި ވިދާލުވެފައިވާގޮތުން އެގޮތަށް ނިންމެވީ ކޮރޯނާ ބަލިމަޑުކަމުގެ ސަބަބުން އެފައުންޑޭޝަނަށާއި ވިލާކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަކަމުގައި ވިޔަސް، މި ދަނޑިވަޅަކީ މުޅި ދުނިޔެއަށާއި މިދިވެހި ޤައުމަށް ދިމާވެފައިވާ މިނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މެޑިކަލް ދާއިރާގެ ސްޓާފުން ވަރައް ބުރަކޮށް އަދި އެހައިމެ އަވަދިނެތި ވަރައްގިނަ ވަގުތު މަސަތްކަތުގައި އުޅުއްވަން ޖެހިވަޑައިގެންފައި ވުމާއި، އިންސާނީއްޔަތަށްޓަކައި ކުރަންޖެހިފައިވާ މިނުރައްކާތެރި، އެހެނަސް މަތިވެރި މިޙިދުމަތްތަކެއް ކެނޑިނޭޅި ކުރައްވަން ޖެހިވަޑައިގެންފައިވާ ދުވަސްވަރަކަށްވާތީކަމަށެވެ.
މިފާއިތުވި ދޮޅުއަހަރެއްހާދުވަހު ތިޔަބޭފުޅުން ވަރުބަލިކަމެއްނެތި ތިޔަކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުންގެންދަވާ ބުރަމަސައްކަތްތައް އުފަލާއިއެކު ބަލައިގަންނަމުން، ވިލާފައުންޑޭޝަނުންނާއި، އަޅުގަނޑު ތިޔައެންމެ ބޭފުޅުންނަށް އިޙްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ. އަދި ތިޔަހުރިހައި ބޭފުޅުން މިނާޒުކު ދަނޑިވަޅުގައި ދިވެހިޤައުމަށް ޚިދްމަތްކޮށްދެއްވުމުގައި އިހުނަށްވުރެ ބޮޑަށް ސާބިތުވެ ތިއްބަވާނެކަން އެއްވެސް ޝައްކެއްނެތި އަޅުގަނޑު ހިތުގެއަޑިން ޔަޤީން ކުރަމެވެ. ސަރުކާރާ ތިޔަބޭފުޅުންނާ ސިވިލްސާވަންޓުންނާ ސަލާމަތީ ޚިދްމަތްތަކުގެ މުއައްޒިފުންނާ ވިޔަފާރިވެރިންނާ އަދި ދިވެހި ޢާއްމުފަރުދުން ކޮށްދެއްވަމުންގެންދަވާ ބުރަމަސައްކަތައް ފާހަގަކޮށް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ނިހާޔަތަށް ޝުކުރުދަންނަވަމެވެ.
– ޤާސިމް އިބްރާހީމް
ޤާސިމް ވަނީ ކޯވިޑްގެ މިހާލަތުގައި އެކުއަނެކަކަށް މަދަދުވެރިވެ ކެތްތެރިކަމާ އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށްވެސް ގޮވާލައްވާފައެވެ.
ޤާސިމްގެ މި ނިންމެވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ނިންމެވުމަށް ތާރީފްކުރަމުންނެވެ. ޤާސިމް އިބްރާހިމަކީ ސިއްހީ ދާއިރާގެ އިތުރުންވެސް އެކި ކަންކަމުގައި ބޭނުންޖެހޭ މީހުންނަށް އެހީތެރިވާ ދީލަތި ބޭފުޅެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ