ކޯވިޑް-19ގައި އިތުރު މީހަކު ނިޔަވެއްޖެއެވެ. ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 86 އަހަރުގެ ޖަޕާނު ފިރިހެނެކެވެ. މިއީ ރާއްޖޭގައި މިބަލީގައި ނިޔާވި 139 ވަނަ މީހާއެވެ. އަދި މިއަދަކީ އެއް ދުވަހެއްގައި ކޯވިޑް ބަލީގައި އެންމެ ގިނަ މީހުން ނިޔާވި ދުވަހެވެ. އެގޮތުން މިއަދުގެ މިހާތަނަށް 10 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑްގެ ޙާލަތު ގޯސްވެ، މި ބަލީގައި ކޮންމެ ދުވަހަކުވެސް މީހުން ދަނީ މަރުވަމުންނެވެ. އަދި ކޮންމެ ދުވަހަކުވެސް 1000އަށް ވުރެ ގިނަ މީހުންނަށް ދަނީ ބަލި ޖެހެމުންނެވެ. ރާއްޖެ މިހާރު ގުނަމުން މިދަނީ ބަލީގެ އެންމެ ނުރައްކާ ދުވަސްވަރެވެ.
ކޯވިޑާއި ގުޅިގެން ގިނަ ބަޔަކު ދުނިޔެ ދޫކުރަމުން އަންނައިރު، ކޯވިޑުން ރައްކާތެރިވުމަށް އެތައް ބިލިއަން ރުފިޔާއެއް ޚަރަދުކޮށްގެންވެސް، އެކަށީގެންވާ ވަސީލަތްތައް ޤާއިމް ކުރެވިފައި ނެތުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
މިބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ގިނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ހައިރިސްކް މީހުންނަށް ވެކްސިން ދިނުމަށް އިސްކަން ދިނުމަށާއި އެފަދަ މީހުންގެ ކައިރީގައި އުޅޭ މީހުންވެސް ވެކްސިން ފުރިހަމަ ކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް އެޗްޕީއޭއިން ބުންޏެވެ. ކޯވިޑް-19އަށް ޕޮޒޓިވެ ޙާލަތު ސީރިއަސްވެގެން މިވަގުތުވެސް 290އެއްހާ މީހުންނަށް އަންނަނީ ހޮސްޕިޓަލް ނުވަތަ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންނެވެ.
ކޯވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވެ، ބަލިން ރައްކާތެރިވުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން އަންނަ ބުދަ ދުވަހުން ފެށިގެން ހަވީރު 4 އިން ހެނދުނު 8އަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައިވެސް ބޭރަ ނިކުމެވޭނީ ފުލުހުން ދޫކުރާ ޚައްޞަ ޕާމިޓެއް ލިބިގެންނެވެ.
ކޮމެންޓު ފޮނުވާ