ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކާފިއު ގަޑި އިތުރުކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކޯވިޑް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް ތަންފީޒްކުރުމަށް ނިންމާފައިވާކަމަށާއި، އެ ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ ބުދަ ދުވަހުން ފެށިގެންކަމަށެވެ. މަބްރޫކް ވިދާޅުވީ، ކާފިއު ގަޑި، ހަވީރު 16:00 އިން އަނެއްދުވަހުގެ ހެނދުނު 08:00އަށް ހިންގުމަށް ނިންމާފައިވާކަމަށެވެ.
މިހާރު ކާފިއު ހިންގަނީ ހަވީރު 4 އިން ފަތިހު 4 އަށެވެ.
ކާފިއު ގަޑި ނޫން ގަޑިތަކުގައިވެސް ވަނީ އިތުރު ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒްކުރަން ނިންމާފައެވެ. އެގޮތުން ހެނދުނު 8 އިން ހަވީރު 4 އަށް ބޭރަށް ނިކުމެވޭނީ ފުލުހުން ދޫކުރާ ޚާއްޞަ ފާސް ނުވަތަ ޕާމިޓާއެކު އެވެ. އެގޮތުން ކޮންމެ ގޭބީސީއަކަށް ދިނުމަށް ނިންމާފައިވަނީ ދެ ޕާމިޓެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އެއް ޕާމިޓް އަދި މެންދުރު 12 އިން ހަވީރު 4 އަކަށް ދެވަަނަ ޕާމިޓެވެ. ކޮންމެ ގޭބީސީއަކަށް 2 ޕާމިޓް ދޫކުރާއިރު، ގޭބީސީއަކަށް ބަލާނީ ކޮންމެ ގޭބީސީއެއްގެ ކަރަންޓް މީޓަރަށެވެ.
މީގެ އިތުރުން ޑެލިވަރީގެ ޚިދުމަތް ދެވޭނީ ހެނދުނު 6 އިން މެންދަމު 12 އަށްކަމަށާއި، ނަމަވެސް ކާފިއު ގަޑީގައި ޓެކް އަވޭ ޚިދުމަތް ދިނުމާއި، ކެފޭ ރެސްޓޯރަންޓް އަދި ފިހަރާތައް ހުޅުވައިގެން ޚިދުމަތްދީ ވިޔަފާރިކުރާނަމަ 5000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ފާސް ހޯދުމަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް އެދެވޭނެކަށެވެ. ޝަރީފް ވިދާޅުވީ ފުލުހުން ދޫކުރާ ޕާމިޓް ނުވަތަ ފާސްތައް ކްރޮސް ސިޓީގައި ބޭނުން ނުކުރެވޭނެކަމަށެވެ. އެގޮތުން މާލޭގެ ގެއަކަށް ދޫކޮށްފައިވާ ފާހެއް ބޭނުންކޮށްގެން ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ދަތުރު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެހެން މީހެއްގެ ފާހެއް ބޭނުންކުރާނަމަވެސް ފިޔަވަޅު އަޅާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އަންނަ ބުދަ ދުވަހުންފެށިގެން އިތުރު ފިޔަވަޅުތަކެއް ތަންފީޒްކުރުމަށް ނިންމާފައިވާއިރު، މިހާރުވެސް ދަނީ ބައެއް ފިޔަވަޅުތަކަށް އަމަލުކުރަމުންނެވެ. އެގޮތުން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ބެހެއްޓުމާއި، ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައި ދިނުން ހިމެނެއެވެ. އަދި މާލެ ސަރަހައްދުގެ ޕާކުތަކާއި، ކުޅިވަރު ދަނޑުތަކާއި، ސްވިމިން ޓްރެކުތައް ބަންދުކޮށްފައި ބެހެއްޓުމާއި، މިސްކިތްތަކުގައި ޖަމާތުގައ ނަމާދުކުރުން ހުއްޓާލާފައ އޮތުން ހިމެނެއެވެ. މީގެ އިތުރުން ހޮޓާ، ކެފޭ/ރެސްޓޯރަންޓުތަކުން ހަމައެކަނި ޑެލިވަރީ ހިދުމަތް ދިނުމާއި، ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް މެނުވީ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމާއި، ކްސިން ފުރިހަމަ ކުރުމުން ދަތުރުކުރުމަށް ދީފައިވާ ލުއި މެދުކަނޑާލުން ހިމެނެއެވެ.
މާލެ ސަރަހައްދުގައި ގިނަ ހަރުކަށ ފިޔަވަޅުތަކެއް ތަންފީޒްކުރަން ނިންމާފައި މިވަނީ ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ މިބަލީގައި ނިޔާވާ މީހުންގެ ޢަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ