އައްސަދުގެ ހޫނު ރައްދެއް މެމްބަރުންނަށް، ފެއިލް ވެއްޖެނަމަ ކޮމިޝަން އުވާލާ

އައްސަދުގެ ހޫނު ރައްދެއް މެމްބަރުންނަށް، ފެއިލް ވެއްޖެނަމަ ކޮމިޝަން އުވާލާ

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2020 01:02
0

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް އެކަށީގެންވާ ގޮތަށް ނުބެލޭތީ އެކަމަށް ފާޑުވިދާޅުވެ މެމްބަރުން ސުވާލުކުރެއްވުމުން އެސެޓް ރިކަވަރީ ކޮމިޝަނުންގެ ރައީސް އަހުމަދު އައްސަދު ހޫނު ރައްދެއް ދެއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ގިނަ މެމްބަރުންވަނީ މަޖިލީހުން ޤާނޫނު ހަދައި، ކޮމިޝަން ހަދަން ހުއްދަދީ ކަންކަން ކުރުމުންވެސް ރައްޔިތުން ބޭނުންވާ ވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ހުރިހާ ނުރުހުމެއް އަމާޒުވަނީ މެމްމަބަރުންނަށްކަމަށް ވަނީ ވިދާޅުވެފައެވެ. މި ބައްދަލުވުމުގައި ތިނަދޫ ދެކުނު ދާއިރާ މެމްބަރު ޢަބްދުﷲ ސަނީފް ވަނީ ކޮމިޝަންތަކާއި މުއައްސަސާތަކުން ވައްކަމާއި ފަސާދައިގެ މައްސަލަތައް ނުބެލެނީ ކީއްވެތޯ އާއި މިކަމުގައި ފެއިލްވެއްޖެކަން ގަބޫލު ކުރައްވަންތޯ ސުވާލު ކުރައްވާފައެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން އައްސަދު ވިދާޅުވީ މެމްބަރުން ފެއިލްވާކަމަށް ރައްޔިތުން ދެކޭ ހިސާބަށް ދިއުމުން ކޮމިޝަންތައް ހަދައިގެން މެމްބަރުން ލައިގެން މިމަސައްކަތް ކުރުމުގެ ބޭނުމެއް ނެތްކަމަށެވެ. އޭނާ ވަނީ މިހާރުން މިހާރަށްވެސް އެސެޓްރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް މެމްބަރުން ބޭނުންނުވާ ގޮތަށް ނުދާނަމަ ކޮމިޝަން އުވާލުމަށް ދަންނަވާފައެވެ.

އަޅުގަނޑުމެން ހިނގާ ގަބޫލުކުރަމާ، ތިޔަބޭފުޅުން ތިޔަވިދާޅުވަނީ ރައްޔިތުންބޭނުންވާ ވަރަށް މަސައްކަތް ނުކުރެވެއޭ، މެމްބަރުން ފެއިލްވެއްޖެއޭ، ތިބޭފުޅުން ފެއިލްވެފައިވާ ހިސާބުން އަޅުގަނޑުމެން މިތަންތާގައި ބޭތިއްބުމުގެ ބޭނުމެއްނެތް. އަޅުގަނޑުމެން ނެތިން މިތާގަ އެގޮތަށް ތިބޭކަމަށް. ތިބޭފުޅުން ފެއިލްވެއްޖިއްޔާ ކޮމިޝަންވެސް އުވާލާ، މަޤާމުތައްވެސް އުވާލާ.

– އަހުމަދު އައްސަދު

“ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަނަކީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނެކެވެ. މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަން އުފައްދަވައި ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވެއެވެ.

އަދި، އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށްވެސް، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުފެއްދެވި ޤަރާރުގައި ވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.