ބާސެލޯނާ ފެންވަރު ދައްކާލައިފި

ބާސެލޯނާ ފެންވަރު ދައްކާލައިފި

ގުޅުންހުރި

ޗެމްޕިއަންސް ލީގުގެ ގުރޫޕް ޖީ ގައި ހަންގޭރީގެ ފެރެންސްވަރޯސް އަތުން 5-1 އިން ބާސެލޯނާ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލް ޕެނަލްޓީއަކުން ޖެހީ ލިއޮނަލް މެސީ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބު ކުރި 116 ވަނަ ލަނޑެވެ. މިއީ މެސީ ވިދިވިދިގެން މުބާރާތުގަ ލަނޑުޖެހި 16ވަނަ ފަހަރުއެވެ. އޭގެ ފަހުން އަންސޫ ފާޓީ އާއި ފިލިއްޕޭ ކުޓީނިއޯ ލީޑު ފުޅާކޮށްދިނިއެވެ. މިއީ ފަޓީ ބާސެލޯނާއަށް ކުޅުނު 5 މެޗުގެ ތެރެއިން ޖަހައިދިން 4 ވަނަ ލަނޑެވެ.

މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމުގެ ޖެރާޑް ޕީކޭ އަށް ރަތްކާޑެއް ދެއްކުމުން އެކަކު މަދަކޮށް ކުޅެނިކޮށް 70 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ފެރެންސްވަރޯސް ތަފާތު ކުޑަކުރިއެވެ. މިއީ މުބާރާތުގެ ތާރީހުގެ އެޓީމުން ޖެހި 10 ވަނަ ލަނޑެވެ. ބާސެލޯނާގެ ފަހު ދެލަނޑު ކާމިޔާބުކުރީ ޕެޑްރީ އާއި އޮސްމާނޭ ޑެމްބެލޭއެވެ. މިއީ އުމުރުން 17 އަހަރު ޕެޑްރީ ބާސެލޯނާގެ ޖާޒީގަ ޖެހި ފުރަތަމަ ލަނޑެވެ.

މިމެޗާ އެކު ބާސެލޯނާއިން ވަނީ މި މުބާރާތުގައި އަމިއްލަ ދަނޑުގައި ބަލިނުވެ 37 މެޗު ހަމަކޮއްފައެވެ. މިއީ ބާސެލޯނާއިން ވިދިވިދިގެން ފުރަތަމަ މެޗުން މޮޅުވި 9 ފަހަރެވެ. މިހާތަނަށް އެޓީމުން ވަނީ 23 ފަހަރު މޮޅުވެފައެވެ. ބާސެލޯނާ އަށް ފުރަތަމަ މެޗުން މޮޅުނުވެވި ދިޔައީ 2011 ވަނައަހަރު އޭސީ މިލާންއާ ވާދަކުރި މެޗުންނެވެ.

މި ނަތީޖާ އެކު ބާސެލޯނާ އާއި ޔުވެންޓަސް ތިން ޕޮއިންޓް ހޯދާފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. ކިއޭވް އާއި ފެރެންސްވަރޯސް އަށް ޕޮއިންޓެއް ނުލިބެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *