ކޯވީޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ކޮރަޕްޝަނަށްގެ މައްސަލަތައް ބެލުމުގެ މައްސަލާގައި ޚިލާފް އުފެދިފައިވާކަށްބުނެ އެމައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބެލުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ފުލުހުން ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް ވެންޓިލޭޓަރު ހޯދުމާއި ގުޅޭގޮތުން ކުރެވުނު ތަޚްޤީގުގައި ޚިލާފް އެފެދިފައިވާކަމަށެވެ. މައްސަލާގައި ދައުވާކުރާނެ ޖާގައެއް ނެތްކަމަށް ޕީޖީ އޮފީހުން ވިދާޅުވުމުން އެކަން އަލުން ބަލައި ދިނުމަށް މަޖިލިސް ރައީސް ހުށަހަޅުއްވަފައިވަނީ ޖުޑިޝަރީ ކޮމިޓީއަށެވެ.
މިޚިލާފް އުފެދިފައިވާތީ އަޅުގަނޑު އެދެން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިމައްސަލަ އިތުރަށް ބައްލަވައި ދެއްވުމަށް. މި ވެންޓިލޭޓަރުތައް ގަތުމުގައި ބައިވެރިވި ފަރާތްތައް ކަނޑައެޅިގެން ހޯދި އެފަރާތްތަކަށް ހައްޤު އަދަބު ދެވި، އަދި ދައުލަތަށް ގެއްލުންވި ފައިސާ އަބުރާ ދައުލަތަށް ހޯދުން. އެކަން ނިމެންދެން މި މަޖިލިސް މިމައްސަލާގައި ފާރަވެރިކަމާއިއެކީގައި އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިމަޖިލީހުގެ ޤާނޫނީ ވާޖިބެއް. ޤާނޫނު އަސާސީ މިމަޖިލީހާއި ހަވާލުކޮށްފައިވާ މަސައްކަތް، އަދި މަޖިލީހުގެ ހިންގާ ގަވާއިދުވެސް ބަޔަންކުރާ ފުޅާމަސައްކަތް.
– ރައީސް ނަޝީދު
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަކީ އެމްޑީޕީގެ ރައީސް ނަޝީއާއި އަރިސްބޭފުޅުން ހިމެނި ވަޑައިގަންނަވާ ކޮމިޓީއެކެވެ. އަދި ބައެއް ފަރާތްތަކުން ވިދާޅުވާގޮތުން މަޖިލީހުގައި މިހާރު އެކުލަވާލެވިފައިވާ ކޮމިޓީތަކުގެ ތެރެއިން ރައީސް ނަޝީދުގެ ކޮންޓްރޯލް އޮންނަ ހަމައެކަނި ކޮމިޓީއެވެ.
މަޖިލިސް ރައީސް ވިދާޅުވީ 19 ވަނަ މަޖިލީހަށް މެމްބަރުން އިންތިޚާބް ކުރުމުގައި ރައްޔިތުން އެންމެބޮޑަށް ހަވާލު ކުރައްވާފައިވާ މަސައްކަތަކީ ވައްކަމާއި ކޮރަޕްޝަން ނައްތާލުންކަމަށެވެ. ނަމަވެސް މިއަދު އެކަން އެންމެ އެކަށީގެންވާ ގޮތަށް ކުރެވޭކަމާއިމެދު ނަޝީދުވަނީ ސުވާލު އުފައްދާފައެވެ. ވެންޓިލޭޓަރު މައްސަލަ އަލުން ބެލުމަށް މަޖިލިސް ރައީސް ހުށަހެޅުއްވިއިރު، ކޮރަޕްޝަންގެ ތުހުމަތުގައި މާލެސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދުގެ މައްސަލައެއްވެސް އޭސީސީން ވަނީ ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައެވެ. ނަމަވެސް މިމައްސަލާގައި ވާހަކަ ދެއްކެވި ރައީސް ނަޝީދާއި އަރިސްބޭފުޅުން ވަނީ މިމައްސަލާގައި އޭސީސީ ގޯސްކޮށް އޭސީސީގެ މެމްބަރުން ވަކި ކުރާނެކަމުގެ އިންޒާރު ދީފައެވެ.
ކޮމެންޓު ފޮނުވާ