އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ ބަލިކޮށް ލިވަޕޫލް އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމާއި ފިޔަވަޅަކާއި ގާތަށް ޖެހިލައިފިއެވެ.
ރަށުން ބޭރުގައި މިރޭ ލިވަލޫލް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުން ބާންލީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 37 މެޗުން ހޯދި 66 ޕޮއިންޓާއެކު ލިވަޕޫލް ވަނީ ހަތަރު ވަނައަށް ކުރިޔަށް ޖެހިލާފައެވެ. ފަސްވަނައިގައި އޮތް ލެސްޓާ ސިޓީއަށްވެސް 66 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލްއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެހެންކަމުން ޗެމްޕިއަންސް ލީގަށް ޕްރިމިއާ ލީގުން ކޮލިފައިވާނެ ޓީމުތައް ކަށަވަރު ވާނީ ލީގުގައި ކުރިޔަށް އޮތް އެންމެ ފަހު މެޗުތަކަށް ފަހުއެވެ. ލިވަޕޫލް އަތުން މިރޭ ބަލިވި ބާންލީއަށް 37 މެޗުން ލިބުނު 39 ޕޮއިންޓާއެކު އޮތީ 17 ވަނައިގައެވެ.
މިރޭގެ މެޗު ފަށައިގެން ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ރޮބާޓޯ ފިރިމީނޯއެވެ. މެޗުގެ ދެވަނަ ހާފް ފަށައިގެން ކައިރި ކައިރީގައި ބާންލީން ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިން ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޑިފެންޑަރ ފިލިޕްސްއެވެ. މިއީ އޭނާ ލިވަޕޫލްގެ ސީނިއަރ ޓީމަށް ލަނޑެއް ޖަަހައިދިން ފުރަތަމަ ފަހަރެއެވެ. އަދި ތިން ވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާުބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗެމްބަލައިންއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ދެން ކޮންމެ ޓީމަކަށްވެސް އޮންނާނީ ބާކީ އެންމެ މެޗެކެވެ. އެގޮތުން ލިވަޕޫލް ލީގުގައި ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ