ބްރައިންޓަން އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

ބްރައިންޓަން އިން ޗެމްޕިއަން ސިޓީ ބަލިކޮށްފި

ބްރައިންޓަން އިން ޗެމްޕިއަން ސިޓީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މެންޗެސްޓަރ ސިޓީގެ މައްޗަށް ބްރައިޓަން ކުރި ހޯދައިފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީގެ މައްޗަށް ބްރައިޓަން ކުރިހޯދީ ފަހަތުން އަރައި 2-3 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ވަރަށް ކުރީކޮޅު ސިޓީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 2 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ގުންޑޮގާންއެވެ. މި ލަނޑަށްފަހު ބްރައިޓަން އިން ވަނީ ފުރަތަމަ ހާފުގައި ސިޓީން އިތުރު ލަނޑެއް ޖެހިޔަ ނުދީ ޑިފެންސްކޮށްގެން ކުޅެފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 48 ވަނަ މިނެޓުގައި ސިޓީން ވަނީ ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ، ފިލް ފޮޑެންއެވެ. ސިޓީން 2 ލަނޑުގެ ލީޑެއް ނެގިތާ 2 މިނެޓު ފަހުން ބްރައިޓަން އިން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޓްރޮސާޑްއެވެ. މެޗުގެ ނަތީޖާ ބްރައިޓަން އިން ހަމަހަމަކުރީ 72 ވަނަ މިނެޓުގައި އެޑަމް ވެބްސްޓަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޑެން ބާން ވަނީ ލަނޑެއް ޖަހާ ބްރައިޓަން އަށް މި މެޗުން 3 ޕޮއިންޓް ޔަގީންކޮށްދީފައެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 37 މެޗުން ލިބުނު 41 ޕޮއިންޓާއެކު ބްރައިޓަން އޮތީ ލީގުގެ 15 ވަނައިގައެވެ. ޗެމްޕިއަން ސިޓީއަށް 37 މެޗުން ލިބެނީ 83 ޕޮއިންޓެވެ.

މިއީ ލީގު ޗެމްޕިއަންކަން ކަށަވަރުވި ފަހުން ސިޓީ ބަލިވި ފުރަތަމަ މެޗެއެވެ. ލީގުގައި ބާކީ ސިޓީއަށް ދެން އޮތީ އެވަޓަންއާއި ވާދަކުރަން ޖެހޭ މެޗެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *