ނިމިގެންދިޔަ ރިޔާސީ ދައުރުގައި އެމްޑީޕީ އިދިކޮޅު ޕާޓީއަކަށް އޮވެ ހިންގި ސިޔާސީ ހަމައެކަނި ހަރަކާތަކީ ނަފްރަތު އުފެއްދުން ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ބިލެއް އެކުލަވާލާމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު މިކަމަށް ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން ވަނީ މިބިލަކީ މިހާރުވެސް ގެންނަން މާލަސްވެއްގެ ބިލެއްކަމަށް ވިދާޅުވެފައެެވެ. ބިލާއި ގުޅޭގޮތުން އެމްޑީޕީ މެމްބަރުގެ މާޒީގައި ކުރައްވާފައިވާ ޓްވީޓުތަކުގެ ތެރެއިން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރައީސް ވަހީދަށް "ކާޅަށް) ގޮވައި ކުރައްވާފައިވާ ޓްވީޓު ހިއްސާކޮށް ހައިލަމް ވިދާޅުވީ މިދިޔަ ދައުރުގައި އެމްޑީޕީން ކުރި ގަމައެކަނި ސިޔާސީ މަސައްކަތަކީ ނަފްރަތު އުފެއްދުން ކަމަށެވެ.
ނަފުރަތުގެ ޢަމަލުތަކުގެ ވާހަކަ ދައްކަން ލަދެއް ނުގަނޭތޯ؟ ތި ބޭފުޅުން މި ދިޔަ ދައުރުގައި ހިންގެވި ހަމަ އެކަނި ސިޔާސީ ޙަރަކާތަކީ ނަފުރަތު އުފެއްދުން. https://t.co/18OjfyX1oe
— Ahmed Hailam (@AhmedHailam) May 18, 2021
ދެހާސް ބާރަވަނަ އަހަރު، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ޑރ. ވަހީދު ރާއްޖޭގެ ވެރިކަމާ ހަވާލުވި ހިސާބުން ފެށިގެން އެމްޑީޕީ އިން އަންނަނީ އެމަނިކުފާނަށް "ބާޣީ" އަށް ގޮވަމުންނެވެ. އަދި އެމަނިކުފާނަކީ "ކާޅެއް" ކަމަށް ވެސް ވަނީ ލޭބަލް ކޮށްފަ އެވެ. މެމްބަރު ވައްޑޭ މިއަދު ކުރެއްވި ޓުވީޓުގައި ވެސް އެމަނިކުފާނަށް ނިސްބަތްކުރައްވާފައި ވަނީ "ބާޣީ ވަހީދު"ގެ ގޮތުގަ އެވެ.
"ވަހީދަށް 'ކާޅަށް' ގޮވުނީތީ މިހާރު ދެރަވަން. އެކަމަކު އެހެން ގޮވަން މެދުވެރި ކުރުވީ ރައްޔިތުންގެ ވެރިކަމެއް 'ކާޅެއްހެން' ބަޣާވާތަކުން ޖަހައިގަނެ އަޅުގަނޑުމެންނަށް ކިހާ އަނިޔާއެއް ދިނީމާކަން, [ރައީސް ވަހީދުގެ] ބޭފުޅުން ހަނދުމަފުޅު ނައްތާލައިގެން ނުވާނެ،" މެމްބަރު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޑރ. ވަހީދުގެ ދެކަނބަލުން ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު އަނގަބަހުން ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވި އެވެ. އެ މައްސަލައިގައި ވަހީދު ވަނީ ރައީސް ވަހީދު ދޮގުހެއްދެވި ކަމަށް ވިދާޅުވެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައަށް ބަހުސްކުރެއްވި އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ރައީސް ވަހީދަށް "ބާޣީ" ނޫން އެއްޗެސް ނުކިޔާނެ ކަމަށެވެ. އަދި ދުވަހަކު ވެސް ރައީސް ވަހީދަށް މައާފު ނުކުރާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ