ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމުގެ ބާރަށް ކުރިއަށްދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، 8 މެއި 2021 ވަނަ ދުވަހު ބޭއްވުނު ޤައުމީ ސަލަމާތާބެހޭ މަޖިލީހުގެ 7 ވަނަ ބައްދަލުމުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ އޮޑިޓެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައިކަމަށެވެ. އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓަރނީ ޖެނެރަލް ހިމެނޭ ގޮތަށް ރައީސުލްޖޫމްހޫރިއްޔާވަނީ 4 މެންބަރުންގެ ކޮމިޓީއެއް 11 މޭ 2021 ވަނަ ދުވަހު އުފައްދަވާއެވެ. މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށެވެ.
ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ޙިއްޞާކުރުމާއި ޤާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ޙިއްޞާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ..
މީގެ އިތުރުން، ޓެރަރިޒަމްގެ ޢަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މަޢުލޫމާތު ޙިއްޞާކުރެވިފައިވާ މިންވަރު ބެލުމާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަޞީލަތްތައް ހުރި މިންވަރާއި، ތަންފީޛުކުރުމުގައި ގޮންޖެހުންތަކާއި، އަދި މި ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ކަންކަން ދެނެގަތުންވެސް ހިމެނޭކަމަށެވެ. ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި، ކޮމީޓީއަށް ބޭނުންވާ މަޢޫލޫމާތާއި އެހީތެރިކަން ކަމާބެހޭ އިދާރާތަކުން މިހާރުވެސް ގެންދަނީ ފޯރުކޮށްދެއްވަމުން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ