ކޯވިޑް ބަލީގައި މިރޭ އިތުރު ދިވެއްސަކު ނިޔާވެ މިބަލީގައި ނިޔާވި މީހުންގެ އަދަދު 105 އަށް އަރައިފިއެވެ.
މިރޭ ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ. މިމީހާ ނިޔާވެފައިވަނީ މިރޭ 8:45 ގައިކަމަށް އެޕީއޭއިން ބުނެއެވެ.
މިބަލީގައި މިއަދުވެސް ވަނީ މީހަކު ނިޔާވެފައެވެ. އަދި ރޭގައި ވަނީ ދެ މީޙަކު ނިޔާވެފައެވެ. މިއަދު ނިޔާވެފައިވަނީ އުމުރުން 73 އަހަރުގެ ދިވެހި އަންހެނެކެވެ. ރޭގައި ނިޔާވި މީހުންގެ ތެރެއިން އެކަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 79 އަހަރުގެ އަންހެނެކެވެ. އަނެއް މީހަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ 74 އަހަރުގެ ފިރިހެނެކެވެ.
މިބަލީގައި އިއްޔެވެސް 5 މީހުން ނިޔާވެފައިވެއެވެ. ރާއްޖޭގައި މިބަލިޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައިވާއިރު މިއަދު ނިޔާވި މީހާއާއެކު މިމަހުގެ މިހާތަނަށް 30 މީހުން މިބަލީގައިވަނީ ނިޔާވެފައެވެ. މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ ތެރެއިން 91 މީހުންނަކީ ދިވެހިންނެވެ. އަދި 13 މީހުންނަކީ ބިދޭސީންނެވެ.
ކޯވިޑް-19ގެ ނުރައްކާ ރާއްޖޭގައި ބޮޑުވެ ބަލިފެތުރުން އިންތިހާއަށް އިތުރުވެފައިވާއިރު، މިމަހުގެ މިހާތަނަށްވެސް 15000 އަށްވުރެ ގިނަ މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ފަރުވާދޭ މީހުންގެ ޢަދަދު 17000އާ ގާތްކޮށްފައިވާއިރު، 268 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.
ކޮމެންޓު ފޮނުވާ