ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދެނީ

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދެނީ

Author
މުޙައްމަދު ޝަޒައިމް
18 މެއި 2021 09:38
0

ވިލިމާލޭގައި ދިމާވެފައިވާ ގޯތި ގެދޮރުގެ މައްސަލައަށް ހައްލުތަކެއް ހޯދައި ދިނުމަށްޓަކައި ވިލިމާލޭގައި މިހާރުހުރި ގޭގޭގައި ދިހަ ބުރިއަށް އިމާރާތް ކުުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަންތައްތަކުގެ ތަފްސީލް ހާމަލަކޮށްދެއްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި މިހާރު އިމާރާތް ކުރެވެނީ ހަ ބުރި އަށް ކަމަށާއި، ނަމަވެސް ވިލިމާލޭގައި އިމާރާތްތައް 10 ބުރިއަށް ހެދުމަށް ފުރުސަތު ދިނުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ.

މުއިއްޒު ވިދާޅުވީ މިކަމަށް ކަމާއިބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަ ހޯދުމަށާއި، ޕްލޭނިން ގަވާއިދު މިގޮތަށް ބަދަލު ކުރުމަށް ހުށަހަޅާނެކަމަށެވެ. މިހާރުވެސް ވިލިމާލޭގެ ރައްޔިތުންގެ އެންމެބޮޑު ޝަކުވާއަކީ އާއިލާތައް ބޮޑުވެ ގޭގޭގައި ދިރި ނޫޅޭވެވޭ ވަރަށް ޖާގަ ކުޑަވުން ކަމަށްވާއިރު، ވިލިމާލޭގެ ރައްޔިތުންގެވެސް އެދުމުގެ މަތީން 10 ބުރިއަށް އިމާރާތް ކުރުމަށް ކައުންސިލުން ފާސްކޮށްފައިވާކަމަށެވެ.

ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ހެދުމުގެ މައްސަލަ، އުސްމިން 10 ބުރިއަށް ބަދަލު ކުރުމަށް ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުމަށް ވަނީ ފާސްކޮށްފަ. ފަންނީ ލަފާވެސް މިކަމުގައި ހޯދާނެ. މިއާއިއެކު ޕްލޭނިން ގަވާއިދު އިސްލާހު ކުރަން ވާނީ އިއްތިފާގުން ނިންމާފަ.

– މުއިއްޒު ވިދާޅުވިއެވެ.

ވިލިމާލޭގައި ދިރިއުޅޭ އެންމެ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށްގެން ވިލިމާލޭގައި ހައުސިން މަޝްރޫއެއް ފަށާނެ ކަމަށްވެސް މުއިއްޒު މިއަދު ވަނީ އިއުލާންކުރައްވާފައެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކުރައްވާފައެއް ނުވެއެވެ. މުއިއްޒު ވިދާޅުވީ މިމަސައްކަތް ކުރެވެމުންދާއިރު، ލަސްތަކެއްނުވެ އެކަންކަން ހާމަކުރަމުން ދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.