މާލޭގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރުމަށް އޮންނަ ދަފްތަކުގައި މީހުންނަށް ރަޖިސްޓްރީވުން މެދު ކަނޑާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ދަފްތަރުގައި މިހާރުވެސް 17،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވާއިރު އެމީހުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ލިބިފައި ނުވާކަމަށެވެ. އެމީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަަށް ހައްލެއް ނުލިބި ދަފްތަރުގައި މީހުން ޖެއްސުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ކުރުމަށް ޕްލޭނެއް އޮންނަންޖެހޭ. އަޅުގަނޑުމެން މިއަދުވާނީ އިއްތިފާގުން ދަފްތަރުގައި ނުޖެއްސޭނެ ގޮތަކަށް ނިންމާފަ. މިހާރުވެސް 17،000 މީހުން އެބަތިބި ދަފްތަރުގައި ޖެހިފަ. އެމީހުންނަށް ހައްލެއް ހޯދެންޖެހޭ.
– މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ ދަފްތަރުގައި ޖެއްސުމުގެ ޤަވާއިދުގައި ބުނާގޮތުން އެ ދަފްތަރުގައި ރަޖިސްޓްރީ ކުރާނީ މާލޭގައި މަދުވެގެން ފަސް އަހަރު އުޅުނުކަން ޔަޤީންކޮށްދޭ ލިޔެކިއުމެއް ހުށައެޅުމުންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ދިނުމަށް މާލޭގެ ދަފްތަރަށް ޚާއްޞަ ކެޓަގަރީއެއް އޮތުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު މާލޭގެ ދަފްތަރުގައި ވަނި ރަޖިސްޓްރީކޮށްފައެވެ. އަދި މާލޭ ދަފްތަރު ކެޓަގަރީން މާލޭގައި ދިރި ނޫޅޭ މީހުންނަށްވެސް ފްލެޓް ލިބުނުކަމުގެ ޝަކުވާތައްވެސް ފެންމަތިވިއެެވެ. މާލެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ކެޓެގަރީ، H-9 ކެޓަގަރީއެވެ. ހިޔާ ފްލެޓަށް އެދި މާލެ ދަފްތަރު ކެޓަގަރީއަށް 2800 މީހުން ފޯމް ހުށައަޅިއެވެ. މި ކެޓަގަރީއިން 1044 ފްލެޓް ދޫކުރުމަށްވަނީ ކަނޑައަޅާފައެވެ. ފެލެޓަށް އެދި މި ކެޓަގަރީއިން 2800 މީހުން ފޯމް ހުށައެޅިއިރު 2775 މީހުން ޝަރުތު ހަމަވެއެވެ.
ކޮމެންޓު ފޮނުވާ