ކައިޒީން ފަލަސްތީންގެ 3،000 ދިދަ ހިލޭ ހަދިޔާ ކުރަން ނިންމައިފި

ކައިޒީން ފަލަސްތީންގެ 3،000 ދިދަ ހިލޭ ހަދިޔާ ކުރަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
18 މެއި 2021 06:53
0

ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން މިއަދު ކުރިއަށްދާ "ދިދަ ހިފައިގެން ބެލްކަންޏައް" އެއްވުމަށް ފަލަސްތީނުގެ 3،000 ދިދަ ހިލޭ ބެހުމަށް ނިންމައިފިއެވެ.

އިންސްޓަގްރަމްގައި ކައިޒީން އާންމު ކުރި ޕޯސްޓެއްގައި ވަނީ ފަލަސްތީންގެ ދިދަތައް ހިލޭ ބެހުމަށް ނިންމާފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ވާކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ބުނި ގޮތުގައި، ދިދަ ލިބޭނީ އެމް7 ގެ ބުކްޝޮޕްތަކުންނެވެ.

އެމް7 ގެ އައުޓްލެޓްތައް މާލެ އާއި ހުޅުމާލޭގައި ހުންނަ އިރު، އެ ތަންތަނަށް ދާ ކޮންމެ މީހަކަށް 10 ދިދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކައިޒީން ބުނީ މި ދިދަތައް އެ އައުޓްލެޓްތަކުން ދޭ އިރު، އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ.

ކައިޒީން ބުނީ މިއީ އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ރައްޔިތުން ފަލަސްތީނާއެކު ތިބިކަން މުޅި ދުނިޔެއަށް އަންގައިދިނުމުގެ ގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތަކަށް އެހީތެރިވާން ކުރާ ކަމެއް ކަމަށެވެ.

ކައިޒީން ވަނީ އިސްރާއީލުން، ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ އިންސާނިއްޔަތާ ހިލާފު އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި ފަލަސްތީނާއެކު ތިބި ކަން ހާމަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ، ފަލަސްތީނުގެ އަހުންނާއި އުހްތުންނާ އެކު ވާކަން ހުރިހާ ދިވެހިން ވެސް ދައްކައި ދިނުމަށް އޭނާ ވަނީ ވަރަށް ބޮޑަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.