ކޯވިޑް19އަށް ޕޮޒިޓިވްވެ އިތުރު މީހަކު މަރުވެއްޖެއެވެ.
އެފޗްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގއި ނިޔާވެފައިވަނީ، ރޭގެ 23:14 ގައި ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި އެޑްމިޓްކުރި އުމުރުން 79 އަހަރުގެ އަންހެނެކެވެ. މިމީހާގެ މަރާއިއެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދުވަނީ 103 އަށް އަރާފައެވެ.
ރޭ 12ގެ ކުރިން ކޯވިޑަށް ޕޮޒިޓިވް ވެގެން އިތުރު މީހަކުވެސް ވަނީ ނިޔާވެފައެވެ. އެޗްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި، ރޭގެ އިރާކޮޅު 10:00ގައި ނިޔާ ވެފައިވަނީ، އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ މީހެކެވެ. މި ބަލީގައި މި ހަފްތާގައ ވަނީ 30 އަހަރުގެ ޒުވާނެއްވެސް ނިޔާވެފައެވެ. މީ މިބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު މީހާއެވެ.
ރާއްޖޭގައި ކޯވިޑް ބަލީގައި އެންމެ ފުރަތަމަ މީހަކު ނިޔާވީ މިިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 29 ވަނަދުވަހުއެވެ. އުމުރުން 83 އަހަރުގެ އާމިނަތު އާދަމް ނިޔާވީ ނޭވާލާން އުނދަގޫވެގެން އައިޖީއެމްއެޗަށް ގެންދިޔަތާ މާގިނައިރު ތަކެއް ނުވަނީސްއެވެ. އާމިނަތު އާދަމް ނިޔާވީ ކޯވިޑަށް ޕިޒިޓިވްވި ކަން އެންގި ފަރުވާ ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު މިހާރުމިވަނީ 44،523 އަރާފައެވެ. މިވަގުތު ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 16 ހާހާއި ގާތްކުރާއިރު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިވަނީ 260 ވުރެ މައްޗަށް އަރާފައެވެ. ކޯވިޑަށް ޓެސްޓްކުރާ ކޮންމެ 5 މީހަކު އެކަކު އަންނަނީ މި ބައްޔަށް ހުށައެޅެމުންނެވެ.