ނަޝީދަށް ދީފައިވާ ހަމަލާގެ މަޖިލިސް އިންކުއަރީއެއް ހެދުމަށް އިޤުރާރުވެއްޖެ

ނަޝީދަށް ދީފައިވާ ހަމަލާގެ މަޖިލިސް އިންކުއަރީއެއް ހެދުމަށް އިޤުރާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
17 މެއި 2021 10:37
0

މިމަހުގެ 6 ވަނަ ދުވަހުގެރޭ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ހުޅިގެން ޕާލިމަންޓްރީ އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން އިޤުރާރު ވެއްޖެއެވެ.

މަޖިލީހުން އިންކުއަރީ ހެދުމަށް އެއްބަސްވެފައިވާ އިޤުރާރުގައި ބުނެފައިވަނީ ރައްޔިުތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެރޭ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު މަގުގައި ބާރުގަދަ އެއްޗެއް ގޮއްވާލައި ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއްދީ، އެހަމަލާގައި އެމަނިކުފާނަށް އެކިވަރުގެ އަނިޔާލިބި ފުރާނަފުޅަށް ނުރައްލާ ވެފައިވާއިރު، އަދި މިހާރުވެސް އެނުރައްކާ އޮތްއިރު މިކަން އެންމެ އެކަށީގެންވާ ގޮތް ބަލައި ކަން ހިނގައިދިޔަ ގޮތް ދެނެގަތުމަށެވެ.

ރައީސް މުހައްމަދު ނަޝީދަކީ ޤާނޫނު އަސާސީގެ ދަށުންނާއި، މަޖިލީހުގެ ޤަވާއިދުތަކުގެ ދަށުންނާއި، އަދި ކުރީގެ ރައީސްކަން ކޮށްފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ޤާނޫނީ ރައްކާތެރިކަން ލިބިފައިވާ ބޭފުޅަކަށްވާއިރު، ރައީސް ނަޝީދަށް އެރައްކާތެރިކަން އެކަށީގެންވާ މިންވަރަށް ނުދެވި ނޫނީ ދިނުމުގައި ހުރި މައްސަލަތަަކަކީ ކޮބައިތޯ ބެލުމަށްވެސް މި އިޤުރާރުގައިވެއެވެ.

ހަމަ މިއާއިއެކު ސަލާމަތީ ހިދުމަތްތައް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުގެ ތެރެއިންތޯ ބަލުމަށާއި، މިހާދިސާ ހިނގައިދިޔަ ގޮތް ގާތުން ބެލައި ދެނެގަނެ، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް، މުޅި ރާއްޖޭގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް މެމްބަރު ވަނީ އިގުރާރު ވެފައެވެ.

ރައްޔިތުންގެ މަޖިލީހުން މި އިންކުއަރީ ހެދުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. އަސްލަމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އިންކުއަރީ ހެދުމަށް މަޖިލީހުން އިގުރާރު ވެފައިވަނީ 49 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.