ކައުންސިލަރުންގެ ހުވަޔާއިއެކު، އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައިފި

ކައުންސިލަރުންގެ ހުވަޔާއިއެކު، އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައިފި

Author
މުޙައްމަދު ޝަޒައިމް
17 މެއި 2021 06:52
0

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގައި ބަޔާންކުރައްވާފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު މިއަދު އަލުން އެކުލަވާލައްވައިފިއެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގައިވާ ގޮތުގެ މަތީން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި 7 ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވަނީ 9 ޖޫން 2020 ގައެވެ. މިބޯޑު ދެމި އޮންނާނީ އާ ކައުންސިލް އިންތިޚާބު ވަންދެންނެވެ. މިއަދު ވަނީ އާކައުންސިލަރުން މަޤާމުތަކާއި ހަވާލުވެ ވަޑައިގެންފައެވެ.

އެލްޖީއޭގެ ބޯޑަށް މިއަދުު ޢައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރުގެ ގޮތުން އެލްޖީގެ ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއެވެ.

އަދި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ ފާޠިމަތު އަފްޝަން ލަޠީފެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގައިވާ މާލީ ކަންކަމާގުޅޭ ވުޒާރާ ތަމްސީލުކުރާ ފަރާތެއްގެ ގޮތުން ކަނޑައަޅުއްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަޙްމަދު ޝަރީފެވެ.

އެލްޖީއޭ ހިންގާނީ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުންނެވެ. މީގެ ތެރޭގައި ހިމެނެނީ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުގެ އިތުރުން، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.