ކައުންސިލްތަކުން ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންފި

ކައުންސިލްތަކުން ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
17 މެއި 2021 07:10
0

މިއަދު މި ހިނގަން ފަށާ ކައުންސިލްތަކުން، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ، ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު މަޤާމާ ޙަވާލުވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންނަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުރިހާ މެންބަރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަ ޤައުމާއި މުޚާތަބް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން ކުރިއަށް ވުރެ މާބޮޑަށް ޝާމިލްވާ ގޮތަށް، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް، ތަންފީޒުކުރަން ފެށުމަކީ، މިއަދު ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއް. ސަބަބަކީ، މިއަދަކީ ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށުނު ދުވަސްކަމަށް ވާތީ. އަދި މިއަދަކީ، ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް، ޤާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަސްކަމަށް ވާތީ.

– ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ސިޓީތަކުގެ މޭޔަރުން، އެބޭފުޅުންގެ މަޤާމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވި ދުވަސްކަމަށް ވާތީ މިއަދު މި ހިނގަން ފަށާ ކައުންސިލްތަކުން، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ، ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމަށް ކަމުގައެވެ.

މީގެ ކުރިން އިންތިޚާބުކުރި ކައުންސިލްތަކާއި، މިފަހަރު އިންތިޚާބުކުރި ކައުންސިލްތަކުގެ އެންމެ ބޮޑު އަނެއް ތަފާތަކީ، ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރި މީހުންގެ ތިން ބައިކުޅަ އެއް ބަޔަކީ، އަންހެން ބޭފުޅުން ކަމަށްވުން. އެހެންކަމުން، ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި، ޤައުމީ ތަރައްޤީގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ރަށު ތަރައްޤީގައި އަންހެނުން ބައިވެރިކުރުމުގައިވެސް، އައު ކައުންސިލަރުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވަންޖެހިވަޑައިގަންނަވާނެ.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުން ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުވުމުން، ޤައުމީ ތަރައްޤީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު މިފެށުނު ކައުންސިލްތަކުގެ ދައުރާއެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަޤާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ. އޭގެ ސަބަބުން، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި، އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރުކުރުމަށް، ޤައުމީ ފެންވަރުގައި ދެވޭ ސަމާލުކަން މިހާރަށްވުރެ ބޮޑުވެ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގެނައި މިބަދަލުތަކާ އެކު، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، މިއަދު މިވަނީ މުޅިން އައު ޞަފްޙާއެއް ލިޔަން ފަށާފައި ވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޝްވަރާއާ އެއްގޮތަށް ޤާނޫނު އިޞްލާޙްކޮށް، ލާމަރުކަޒީ ނިޒާމަށް މި ބަދަލުތައް ގެނައީ، ރައްޔިތުންގެ ވިންދު ހުރީ، އެ ބަދަލުތަކާއިގެން ކުރިއަށް ދިއުމަށް ކަމަށްވާތީ ކަމަށެވެ. މީގެ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި، އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް، މިހާރު އެހުރީ ކައުންސިލްތަކާ ޙަވާލުކުރެވިފައި، ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ޤާނޫނީ ބާރު ދީ، ރަށްރަށުގެ އިޚްތިޞާޞް މިހާރު އެހުރީ ކަނޑައަޅައިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.