އިންޓަރނެޓް އަގުހެޔޮކޮށް، ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަން: ޝައުނާ

އިންޓަރނެޓް އަގުހެޔޮކޮށް، ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަން: ޝައުނާ

Author
މުޙައްމަދު ޝަޒައިމް
17 މެއި 2021 04:41
0

އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޝައުނާ ދެއްވި ޚިތާބުގައި ވިދާޅުވީ ރާއްޖޭގެ އައި.ސީ.ޓީ ދާއިރާއަށް އައިސްފައިވާ ކުރިއެރުން ފާހަގަކުރާއިރު، މި ދާއިރާގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން ހުރިކަމަށެވެ. އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރާއިމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައި ކަމަށެވެ. ރައްޔިތުންގެ މި އިޙުސާސްތަކަށް ރިޢާޔަތްކޮށް، އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި ރާއްޖޭއާއި ބޭރުދުނިޔެއާއި ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ޤައިމްކުރުމަކީވެސް މުވާސަލާތީ ޚިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސަރަކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެއް ކަމަށާއި، މި ބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިޤްތިޞާދަށް ލިބި، ދިވެހިން އެދޭ ތަރައްޤީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް މި އަހަރުވެސް ފާހަގަ ކުރެވެނީ މުޅި ދުނިޔެ އަދި ރާއްޖެވެސް، COVID-19 އިން އަރައި ނުގަނެވި އުޅެނިކޮށް ކަމަށެވެ. މި ޙާލަތުގައި މުޅި ދުނިޔެއަށް އަދި ރާއްޖެއަށް ވެސް، ޓެލެކޮމިއުނިކޭޝަން އާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ބޭނުންތެރިކަން އިހުނަށްވުރެ އެތައް ގުނައެއް މިހާރު މިވަނީ އިތުރުވެފައި ކަމަށެވެ. COVID-19 ގެ ސަބަބަން، ދުނިޔެއަށް ހާމަވެގެން ދިޔައީ މުޖްތަމަޢްތައް ނުހުއްޓި ހިނގަމުން ދިއުމުގައި އައި.ސީ.ޓީ ވަސީލަތްތައް އަދާ ކުރާ މުހިއްމު ދައުރުކަން ފާހަގަކޮށް މިނިސްޓަރ ޝައުނާ ވިދާޅުވީ ޤައުމުތަކުގެ މެދުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމުގައި ހުރި ފަރަގުވެސް ފާހަގަވަމުން ދާކަމަށެވެ.

ރާއްޖޭގެ އައި.ސީ.ޓީ މާޙައުލަށް ބަލާލާއިރު، މީގެ 78 އަހަރު ކުރިން ތަޢާރަފް ކުރި މި ޚިދުމަތަށް މިއަދު މިވަނީ ބޮޑެތި ބަދަލުތައް އައިސްފައިކަމަށެވެ. މިރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިރުތުން، ރާއްޖޭގެ އެތެރޭގައި ވެސް މިވަނީ ފައިބަރ ނެޓްވަރކްތައް ޤާއިމްކުރެވިފައި ކަމަށާއި، މި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓާއިން ކުރައްވާފައިވާ މަސައްކަތްތަކެއްކަމަށް ޝައުނާ ވިދާޅުވިއެވެ.

އަދި ދުވަހުން ދުވަހަށް ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދްމަތް ލިބޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިޚިދުމަތް ރަށުފެންވަރުގައި ފޯރުކޮށްދިނުމުގައި ކުދިއަދި މެދު ފަންތީގެ ވިޔަފާރިތައް ކުރަމުން އަންނަ މަސައްކަތްތައްވެސް ފާހަގަކޮށް، ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ޚިދްމަތް ފޯރާފައި ވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ޚިދްމަތްވެސް ރާއްޖެއަށް ވަނީ ތަޢާރަފްކުރެވިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.