ތަހުގީގު ކޮޅެއްގައި ޖެހެންދެން އެމްޑީޕީ މެމްބަރުން މުޒާހަރާއަށް ނިކުތުމަށް ގޮވާލައިފި

ތަހުގީގު ކޮޅެއްގައި ޖެހެންދެން އެމްޑީޕީ މެމްބަރުން މުޒާހަރާއަށް ނިކުތުމަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
17 މެއި 2021 04:26
0

ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ތަހުގީގު ކޮޅެއްގައި ޖެހެންދެން އެމްޑީޕީ މެމްބަރުން މުޒާހަރާއަށް ނިކުތުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ގޮވާލައިފިއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ރައީސް ޝީދަށް ދިން ހަމަލާގެ ސީރިއަސްކަން ކުޑަކުރުމަށް މަސައްކަތް ކުރާކަން ގަބޫލު ކުރެވޭކަމަށެވެ. އެމަނިކުފާނުގެ ހާލަތާއި ގުޅިގެން ރާއްޖޭގެ އެތަކެއް ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މިކަން ހިނގާ ގޮތެއް ހާމަކޮށްދޭންޖެހޭކަމަށް ވަހީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ އިންސާފާއި ހަމަހަމަ ކަމާއި، މުޒާހަރާ ކުރުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަޑުލި ބޭފުޅާއަށްވާއިރު، އެބޭފުޅާއަށް މަޖިދީދީ މަގުގެ މެދުގައި ހަމަލާދީ ގޮއްވާލަން އުޅުމުން އެކަމަށް އިންސާފު ނުލިބި ލަސްވާނަމަ އެއީ ކަންބޮޑުވާނެ ކަމެއްކަމަށް ވަހީދު ވިދާޅުވިއެވެ. މިއަދުވެސް ދާއިރާގެ އެތައް ރައްޔިތުންނެއް ގުޅުއްވާފަ އެމަނިކުފާނުގެ ހާލަތާއިމެދު ކަންބޮޑުވެ ތަހުގީގްދާގޮތް އޮޅުން ފިލުވަމުންދާކަމަށާއި، ނަމަވެސް ދޭނެ ޖަވާބެއް ނެތްކަމީ ކަންބޮޑުވާ ކަމެއްކަމަށެވެ.

ރައީސް ނަޝީދަކީ މި ޤާނޫނު އަސާސީ މިހިސާބަށް ގެންނެވި ބޭފުޅާއި، ޚިޔާލާލު ފާޅު ކުރުމާއި އހުތިޖާޖު ކުރުމަށް އެންމެބޮޑަށް ވަލާކާލު ކުރެއްވި ބޭފުޅާއި، މިޤާނޫނު އަސާސީއަކީ މުޒާހަރާ ޤާނޫނު އަސާސީކަމަށް ބުނީ އެމްޑީޕީން. މިއީ އަޅުގަނޑުމެން އެމްޑީޕީގެ އެންމެ މެންބަރުން އިހުތިޖާޖަށް ނިކުންނަންވީ ވަގުތު. މިއަށްވުރެ ބޮޑަށް އެމްޑީޕީ އިހުތިޖާޖަށް ނިކުންނަންޖެހޭ ހާލަތެއް ދެން ނާންނާނެ.

– ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިހަމަލާގެ ތަހުގީގް ކުރިއަށްދާ މިނާއި، އަދި ތަހުގީގް ލަސްވަމުންދާ ކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތްކަމަށެވެ. މިކަމުގައި ބައިވެރިވި މީހުންނާއި، މިކަމުގައި ޝާމިލުވި އެންމެހާ ފާރްތައް ހައްޔަރު ނުކުރެވި ލަސްވާނަމަ މިމައްސަލަވެސް ކުރީގެ އެހެން މައްސަލަތަކަށް ވެގެންދިޔަ ގޮތަށް ވެގެން ގޮސްދާނެކަމުގެ ކަމުގެ ކަންބޮޑުވުން އިންތިހާއަށް ރައްޔިތުންގެ ހިތުގައި އެބައޮތްކަމަށް ވަހީދު ވިދާޅުވިއެވެ.

އެނާ ވަނީ އެމްޑީޕީގެ މެމްބަރުން މަގުތަކަށް ނިކުމެ މިކަމަށް އިންސާފު ލިބެންދެން އިހުތިޖާޖަށް ނިކުތުމަށް ގޮވާލާފައެވެ. އަދި މިހަރަކާތް އެމްޑީޕީން އިންތިޒާމު ކުރުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.