ހަމަލާގެ މަޢުލޫމާތުލިބި، ފިޔަވަޅުނޭޅުމުން މާރިޔާގެ އިސްތިއުފާގެ އަޑުގަދަވެއްޖެ

ހަމަލާގެ މަޢުލޫމާތުލިބި، ފިޔަވަޅުނޭޅުމުން މާރިޔާގެ އިސްތިއުފާގެ އަޑުގަދަވެއްޖެ

Author
މުޙައްމަދު ޝަޒައިމް
15 މެއި 2021 08:25
0

މިމަހުގެ ހަވަނަ ދުވަހުގެރޭ ދައުލަތުގެ އެއްބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ މައުލޫމާތު ލިބި، އެކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމާއިގުޅިގެން މިނިސްޓަރ މާރިޔާގެ އިސްތިއުފާ ދެއްވުމަށް ގޮވަން ފަށައިފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގެރޭ 8:30 ހާއިރު އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުމަގުގައެވެ. އެސަރަޙައްދުގައި އެއްޗެއް ގޮއްވާލީ ރައީސް ނަޝީދު އެސަރަޙައްދުގައި އޮތް ކާރުކޮޅަކަށް އަރައިވަޑައިގަންނަވަނިކޮށެވެ. މިހާދިސާގައި ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް ނަޝީދު ވަނީ އިއްޔެ ޖަރުމަނަށް ގެންގޮސް ފަރުވާދެން ފަށާފައެވެ.

ރައީސް ނަޝީދަށް ހަމަލާދިންރޭ މިހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުންގެ ހިތް ނުތަނަވަސްވުމާއި، ޝަކުވާތަކާއި ކަންބޮޑުވުންތައްދިޔައީ އިންތިހާއަށް ފާޅު ކުރަމުންނެވެ. އެރޭ އޭޑީކޭއަށް މިނިސްޓަރ މާރިޔާއާއި، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ދިއުމުންވެސް އެދެބޭފުޅުންގެ އިސްތިއުފާއަށް ގޮވައި، ސަލާމަތީ ކަންކަން ނުބެލެހެއްޓުނުކަމަށް ވަނީ ބުނެފައެވެ. އަދި މިނިސްޓަރ މާރިޔާއާއި އެރޭ ވަރަށް ހިޑިކޮށް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ މުހާތަބްކުރައްވާފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ސިފައިންނާއި ފުލުހުންވެސް މީގެ ކުރިން ވިދާޅުވެފައިވަނީ މިހަލާގެ އެއްވެސް އިންޒާރެއް އަދި އިޝާރާތެއްވެސް އިންޓަލިޖެންސަށްވެސް އަދި އެދެއިދާރާއަށްވެސް ލިބިފައި ނުވާކަމަށެވެ. ތަކުރާރުކޮށް ދެއާއިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އިސްވެރިން ވަނީ މިގޮތަށް ވިދާޅުވެފައެވެ. މިއާއިކު ރައީސުލްޖުމްހޫރިއްޔާގެ ސީދާ އޯޑަރަށް އިންޓަރލިޖަންސާއި، އަދި މިހާދިސާގެ އިންކުއަރީއެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ދަނީ ސަލާމަތީ ބާރުތަކުން ކުރަމުންނެވެ.

މިހާދިސާއާއި ގުޅިގެން މިނިސްޓާރ މާރިޔާއަށް ކުރިމަތިވެފައިވާ ފާޑުކިޔުންތައް އިތުރު ވެފައިވަނީ މިހާދިސާގެ މައުލޫމާތު އެހަމަލާ ދިނުމުގެ ކުރިން އާންމު ފަރާތަކުން ދިނުމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާއާއި ހިއްސާ ކުރައްވާފައިވާކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވުމާއި ގުޅިގެންނެވެ. އަދި އިލްޔާސް މިފަދަ ގޮތަކަށް ވިދާޅުވުމުން މިނިސްޓަރ މާރިޔާ ބައެއް މީޑިޔާތަކުގައި އިލްޔާސްއަށް މިކަމުގައި އަމަލުކުރަންވާ ގޮތް ކިޔައިދީ ފުލުހުންނަށްވެސް މިކަން އެންގުމަށް ދަންނަވާފައެވެ.

މިއާއިއެކު މަޖިލީހުގެ ރަސްމީ ލެޓާހެޑްގައި އިލްޔާސް ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަކުމުގެ މަޢުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާގުޅިގެން، އެ މަޢުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާކުރިކަމަށެވެ. އަދި، މިމައުލޫމާތު ރައީސް ނަޝީދުގެ އިރުޝާދާއެކު، އެމަޢުލޫމާތު ޑިފެންސް މިނިސްޓަރަށް އަރުވަނީކަމަށް ދަންވައި، ލިބިފައިހުރި މަޢުލޫމާތުގެ ތަފްޞީލް މިނިސްޓަރަށް އެރުވާފައިވާކަމަށެވެ. ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީކަމަށްވާތީ އެމަޢުލޫމާތު އެމުއައްސަސާއާ ހިއްސާކުރުމުން، އެމަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސްއަށް ހިއްސާކުރުމަށް މިނިސްޓަރ މާރިޔާ އެއްވެސް ހާލަތެއްގައި އަންގާފައިނުވާކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ މިވާހަތަކާއި ގުޅިގެން މައްސަލައިގެ ސީރިއަސްކަން އިތުރަށްބޮޑުވެ، ގިނަބައެއްގެ ފާޑުކިޔުން މިނިސްޓަރ މާއިޔާއަަށް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް މީގެ ކުރިން ދައުލަތުގެ ސަލާމަތީ ކަންކަން ބެލެހެއްޓި އިސްބޭފުޅުންވެސް ވިދާޅުވެފައިވަނީ މައުލޫމާތުލިބި މިކަމަށް ފިޔަވަޅު ނޭޅުމުން މިނިސްޓަރ މާރިޔާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޗ ޗަކަ
ނުކެރޭނެއިސްތިއުފާދޭކައް