އެކި ފަރާތްތަކަށް ބަދަލުދެމުންގޮސް ދައުލަތް ހުސްވެއްޖެ: ޢާޒިމް

އެކި ފަރާތްތަކަށް ބަދަލުދެމުންގޮސް ދައުލަތް ހުސްވެއްޖެ: ޢާޒިމް

Author
މުޙައްމަދު ޖިމީ
14 މެއި 2021 02:27
0

ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދެމުންގޮސް ދައުލަތް ހުސްވެއްޖެކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލިޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ޢަލީ ޢާޒިމްގެ ނަން އޮތުމާއި ގުޅިގެން، އާޒިމަށް ވަނޯ ވރަށް ބޮޑު ފާޑުކިއުންތަކެއް އަމާޒުވެފައެވެ.

ރޭ އޮންލައިން ނޫހަކަށް ދިން އިންޓަރވިއުއެއްގައި އާޒިމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ މަޖިލީހުން ބަލަންޖެހުނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަށް މާބޮޑު މަސައްކަތެއް ނުކުރެވިގެންކަމަށެވެ. ނަމަވެސް އެ މަސައްކަތް މަޖިލީހުން ކުރި ގޮތާމެދުވެސް ޢާޒިމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

އާޒިމް ވިދާޅުވީ، ކޮމިޝަނުން ފޮނުވި ޚިޔާނާތގެ ލިސްޓް އޮތްގޮތަށް އެމައްސަލަ ބެލި ކޮމިޓީން ޢާންމުކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ. ސަބަބަކީ ކޮމިޓީއަށް ނަތީޖާއެއް ނުނެރެވުންކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ސިޓީ އެ އޮތްގޮތަށް ކޮމިޓީން ފާސްކުރެއްވިއިިރު، ކޮމިޓީގެ މަޤްޞަދެއް އޮންނަންވާނެކަމަށެވެ. އޭގެ ބަދަލުގައި މަޖިލީހުގެ ރިޔާސަތަށްވެސް އެކަން ކުރެވިދަނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއްގޮތުގަ އަޅުގަނޑު ދެކެނީ. އެކަށީގެންވާ ރަނގަޅު މަޤްޞަދެއް އޮންނަންވާނެ ކަމެއްކޮށް ނިމޭއިރު އިނގޭތޯ. އެސެޓް ރިކަވަރީ ކޮމިޝަންގެ މަޤްޞަދަކީ ދައުލަތަށް ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުން. މީހުން ފަޞީހަތް ކުރުމެއްވެސްނޫން. މީހުންގެ ވާހަކަ ދެއްކުމެއްވެސް ނޫން. މީހުންނާ ދޭތެރޭ ޝައްކެއް އުފެއްދުމެއްވެސް ނޫން. އެކޮމިޝަނުން ކުރަންޖެހޭ މަސައްކަތް ފުރިހަމައަށް ނުކުރެވުނީމަ މަޖިލީހުން މިކަންތަކައިގެން އުޅޭންޖެހުނީވެސް އިނގޭތޯ. ނަމަވެސް ކޮމިޓީން އަޅުގަނޑަކަށް ނުފެނުނު ޒިންމާދާރު ހަރުދަނާ މަސައްކަތެއް ކުރިތަނެއް. އަޅުގަނޑު ދެރަވެސްވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިނދެ މިވާހަކަ މިހެން ބުނަންވެސް. ނަމަވެސް ޒިންމާދާރު މަސައްކަތެއްކުރެވުނުކަމަށް ވަނީނަމަ ދެނަ އެސިޓީ އެއޮތްގޮތަކަށް ބޭރުކުރުމުގެ ބޭނުމެއްނެތްތާ.

– ޢަލީ ޢާޒިމް

އާޒިމް ވިދާޅުވީ  ކޮމިޓީން ކުރީ އެއްވެސް ނަތީޖާއެއް ނެތްކަމެއްކަމަށެވެ. އާޒިމްގެ ވާހަކަފުޅުގައި ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމަށް އިޝާރާތްކުރައްވާ ވިދާޅުވީ، ދައުލަތުން އެކިމީހުންނަށް ބަދަލު ދެމުންގޮސް ދައުލަތް ހުސްވެއްޖެކަމަށެވެ.

ދައުލަތުން އެކި ފަރާތްތަަށް ބަދަލު ދެމުންގޮސް ދައުލަތް ހުސްވެއްޖެ. އަވަރުގަ އަޅުގަނޑުމެން މި ތިބީ.

– ޢަލީ ޢާޒިމް

އާޒިމް މިހެން ވިދާވެފައިވާއިރު، ކޯވީޑާއި ގުޅިގެން އިޤްތިޞާދު ހީނަރުވެ ޢާންމުންނަށް އެކަމުގެ ނުރަނގަޅުއަސަރުކޮށްފައިވާ މިދަނޑިވަޅުގައި ދައުލަތުން އެކި ނަންނަމުގައި ބަދަލުދޭތީ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ. ސަރުކާރުން ބުނެފައިވަނީ މިހާތަނަށް މިސަރުކާރުން ބަދަލުދިނީ 3 ފަރާތަކަށްކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ. އެންމެ ފަހުން ބަދަލު ދީފައިވަނީ މަންދުކޮލެޖު ހިންހާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށެެވެ. އެއީ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލްގެ ކުންފުންޏެވެ. އެކުންފުންނަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.