ވަރުގަދަ ސެކިއުރިޓީއަކާއެކު ރައީސް ނަޝީދު ފަރުވާއަށް ބޭރަށް ފުރާވަޑައިގަންނަވަނީ

ވަރުގަދަ ސެކިއުރިޓީއަކާއެކު ރައީސް ނަޝީދު ފަރުވާއަށް ބޭރަށް ފުރާވަޑައިގަންނަވަނީ

Author
މުޙައްމަދު ޖިމީ
13 މެއި 2021 10:37
0

ވަރުގަދަ ސެކިއުރިޓީއަކާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްދު ނަޝީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް އެއަރޕޯޓަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު އިތުރު ފަރުވާއަށް ވަޑައިގަންނަވަނީ ޖަރުމަންވިލާތަށެވެ. އެގޮތުން އެމނަިކުފާނު އެޤައުމަށް ވަޑައިގަތުމަށް ޚާއްޞަ ޖެތެއް މިވަގުތު ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެބައޮތްކަމަށް މަޢުލޫމާތުލިބެއެވެ. މީގެ ކުޑައިރުކޮޅެއްކުރިން އެމަނިކުފާނު އޭޑީކޭ އިން ވަނީ އެއަރޕޯޓަށް ވަޑައިގެންފައެވެ.

މިމަހުގެ 6 ވަނަދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ. ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.