ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙިދު ފުރުވާލުމުގައި ޖާމިނުވެފައިވާތީ ޔޫތުމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްޢަދު ޢަލީ (އަޑުބަރޭ)ގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް ދަޢުލަތުން އެދިއްޖެއެވެ.
އަލީ ވަހީދު ޓްއަރިޒަމް މިނިސްޓަރުކަމަށް ހުނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 7 ދައުވާއެއް ދައުލަތުންވަނީ އުފުލާފައެވެ. އަދި މި އެ މައްސަލާގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ.
ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުންވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރުވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަމަށް ވިދާޅުވެފައެވެ. ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ. އަލީ ވަހީދު ބޭރަށް ފުރާފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ ޖާމިނުވުމުންނެވެ. އަދި ހަތަރު މަސްދުވަސް ތެރޭ އަލީ ވަހީދު އަނބުރާ ގެންނާނެކަމުގެ ޔަޤީންކަންވެސް އަސްއަދު ވަނީ ދީފައެވެ.
ޖާމިނު އެއްބަސްވން ބުނާގޮތުން ޢަލީ ވަޙިދު ކޯޓަށް ޙާޒިރު ނުކުރެވިއްޖެނަމަ އެކަމުގެ ޒިންމާ އަސްޢަދު ޢަލީ ނަގަން ޖެހެއެވެ.
ޢަލީ ވަޙީދު މިހާރު ދިރިއުޅޭ އެޑްރެހެއް ނޭނގުމުގެ ސަބަބުން މިހާތަނަށް ޝަރީޢަތަށް ވަނީ ޙާޒިރު ކުރެވޭގޮތް ނުވެފައެވެ. އަދި ސުޕްރީމްކޯޓުންވެސް ވަނީ ޢަލީ ވަޙީދުގެ މައްސަލަ ނުބެލޭނެކަމަށް ކަނޑައަޅަފައެވެ.
ކޮމެންޓު ފޮނުވާ