ލެސްޓާ އިން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

ލެސްޓާ އިން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

Author
ޔޫސުފް
12 މެއި 2021 01:02
0

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީން މެންޗެސްޓާ ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޔުނައިޓެޑުގެ ދަނޑު އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗު ލެސްޓާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް މެންޗެސްޓަރ ޔުނައިޓެޑް ނުކުތީ އާންމުކޮށް ނެރޭ ފުރަތަމަ 11 އަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން 10 ބަދަލެއް ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ވަނީ މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ގެނެސްފައެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީކޮޅު ލެސްޓާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން އެޓީމަށް ލީޑު ނަގައިދިން ލަނޑު 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޫކް ތޯމަސްއެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން މޭސަން ގްރީންވުޑް ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ލެސްޓާ މޮޅުވީ ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު 66 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޗާލާ ސޮޔުންޖޫއެވެ.

މި މެޗުން ޔުނައިޓެޑު ބަލިވުމާއެކު ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފައެވެ. އެއީ ލީގުގައި އެޓީމަށް ކުރިޔަށް އޮތް 3 މެޗުން ބަލިވި ކަމުގައި ވީ ނަމަވެސް އިތުރު ޓީމަކަށް އަރާ ހަމަ ނުކުރެވޭނެތީއެވެ. ލީގުގެ ދެވަނައިގައި ޔުނައިޓެޑް އޮތީ 35 މެޗުން ލިބުނު 70 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގައި 36 މެޗުން 66 ޕޮއިންޓާއެކު ލެސްޓާ އޮތްއިރު، ހަތަރުވަނައިގައި ޗެލްސީ އޮތީ 35 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ލެސްޓާ މޮޅުވުމާއެކު އެޓީމަށް ވަނީ ގަދަ ހަތަރެއްގެ ފުރުސަތު ބޮޑުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.