ބޮން ގޮއްވާލި ސަރަހައްދު ފުލުހުން ބަންދު ކޮށްފައި

ޓެރަރިޒަމްގެ ނުރައްކާ ހަފޮޅުން އެތެރެވީތަ؟

ޓެރަރިޒަމްގެ ނުރައްކާ ހަފޮޅުން އެތެރެވީތަ؟

ޓެރަރިޒަމްގެ ނުރައްކަލަކީ މިއަދު މުޅި ދުނިޔެއަށް އާންމު ވެގެން ގޮސްފައިވާ ބޮޑުވެގެންވާ ނުރައްކަލަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ނުރައްކާތެރި ވަބާގެ އަސަރު މިއަދު ފޯރާފައިވާ މިންވަރަށް ބަލާއިރު، ދުނިޔޭގެ ފަގީރުގައުމެއް މުއްސަދިގައުމެއް ތަފާތު ކުރެވޭކަށް ނެތެވެ.

2001 ވަނަ  އަހަރު އެމެރިކާގެ ވާލްޑް ޓްރޭޑް ސެންޓަރަށް ދިން ބޮމުގެ ހަމަލާތަކުގައި އެ އިމާރާތް ބިމާއި ހަމަކޮށް، އެމެރިކާގެ 3000 ރައްޔިތުން މަރާލާފައިވަނީ، ދީނުގެ ނަމުގައި އެމެރިކާއާއި ދެކޮޅަށް އަލްގައިދާއިން ހަގުރަމަ އިއުލާން ކޮށްފައި ވަނިކޮށެވެ. މި ހަމަލާއަށްފަހު، ހުޅަގުގެ ގައުމުތަކާއި ދެކޮޅަށް ހަގުރާމަ ކުރުމުގައި ހަރުކަށި އިސްލާމީ ފިކުރުތަކުގެ ޖަމާއަތްތަކުން ކުރި ހޯދާފައިވާ މިންވަރު ވަރަށް ރަގަޅަށް ވަޒަން ވެގެން ދިޔައެވެ.

އެހެންނަމަވެސް، ހުޅަހުގެ ގައުމުތަކުން އިސްމާދީނާއި ދެކޮޅަށް ގެންގުޅޭކަމަށް، މިފަދަ ޖަމާޢަތްތަކުން ގަބޫލު ކުރާ ސިޔާސަތުތައް މުޅި ދުނިޔެއަށް ފުޅާވަމުން ގޮސް، އެމެރިކާ ފަދަ ހުލަގުގެ ގައުމަތަކާއި ގުޅުން ބައްވާ ގައުމުތަކުގެ ސަރުކާރުތަކަށް ހަމަލާ ދިނުން، އެއީ ދީނުގެ ނަމުގައި ކުރެވޭ ޖިހާދެއްގެ ގޮތުގައި ގަބޫލުކޮށް ގިނަ ޖަމާއަތްތަކުގެ ސިޔާސަތަކަށް މިކަންކަން ވެގެން ދިޔައެވެ.

މިގޮތުން، އަރަބި ކަރައިގެ ބައެއް ސަރުކާރު ތަކާއި ދެކޮޅަށް، ދީނީގޮތުން ހައްދު ފަހަނައަޅާފައިވާ ބައެއް ޖަމާއަތްތަކުން ހަގުރާމަ އިއުލާންކޮށް، މިފަދަ ގައުމުތަކުގައި މި ޖަމާއަތްތަކުގެ ގޮފިތައް ގާއިމްކޮށް، ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ނެޓްވާކްތައް ގާއިމް ކޮށްފައި ވެއެވެ.

ސީރިއާ، އިރާގް. ލީބިއާއި އަފްއާނިސްތާން ޕާކިސްތާން އަދި މިހެންގޮސް މިފަދަ އެތަކެއް ގައުމުތަކަކީ، އިސްވެ ދެންނެވުނު، އައިސިސް ފަދަ ޖަމާއަތްތަކުން، އެގައުމުތަކުގެ ބިންދަ ހިފުމަށް އަދިވެސް ހަގުރާމަ ކުރަމުންދާ ގައުމުތަކެވެ.

އެހެންކަމުން މިއަދު ގަބޫލު ކުރަންޖެހޭ މައިގަޑު 2 ހަގީގަތެއް އެބަ ވެއެވެ. އެއް ހަގީގަތަކީ، އެއްވެސް ހައްގަކާ، ނުލާ މީހުން މެރުން ނުވަތަ ލޭހުއްދަ ކުރުމަކީ، މިފަދަ ބައެއް ޖަމާއްތަކުގެ އެންމެ ވަރުގަދަ އެއް އަސާސެއްގެ ގޮތުގައި ފެނިގެން ދިއުމެވެ. ދެވަނަ ކަމަކީ، ޓެރަރިޒަމްގެ އަމަލްތައް މުޅި ދުނިޔޭގައި އާންމު ވެގެން ގޮސްފައިވަނީ، މިފަދަ ގިނަ އަމަލްތަކުގެ ހުއްޖަތަކަށް މާތް ވެގެންވާ އިސްލާމް ދީން ހަދައިގެން ކަމެވެ. އަދި ފަހަކަށް އައިސް ދީނުގެ ނަމުގައި ކުރެވެމުންދާ ހަގުރާމަތަކާއި އަދި ދެވެމުންދާ ހަމަލާތަކުގައި މުސްލިމުން މުސްލިމުންނާއި ހަގުރާމަކޮށް، ސުންނާފަތިވެގެން ގޮސްފައިވަނީ ހަމަ މުސްލިމުން ކަން މިއީވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

10 އަހަރުވެފައިވާ އަހުލީ ހަގުރާމާގައި ސީރިއާގެ ބޮޑު ބައެއް ވަނީ ވީރާނާވެ ސުންނާފަތި ވެފައި

މެދު އިރުމަތީގެ ގައުމެއްކަމުގައިވާ ސީރިއާގައި ދާދި ފަހަކާ ޖެހެންދެން އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަގުރާމަ ކުރަމުން އައި އަލް ގައިދާއިން ސީރިއާ ސަރުކާރާ ދެކޮޅަށް ކުރި ލޭއޮހޮރުވުން ބޮޑު ހަގުރާމާގައި އެތައް ހާސް މުސްލިމުންނެއްގެ ފުރާނަ ގެއްލި، ގައުމު ވަނީ އެތައް ޒަމާނަކުން މެނުވީ އަރައި ނުގަނެވޭވަރު ފުން ވަޅުގަޑަކަށް ވެއްޓިފައެވެ. އަރަބި ކަރައިގެ ބައެއް ގައުމުތައް ކަމުގައިވާ ޔަމަނާއި، ސޫދާނާއި ލީބިޔާއާއި އިރާގް ފަދަ ގިނަ ގައުމުތަކެއްގެ ތަރައްގީއާއި، ދަމައްދުނާއި ސަގާފަތު އެކޮށް ހަފުސް ވެގެން ދިޔައީ މި ދެންނެވި ޓެރަރިޒަމްގެ ނުރައްކާތެރި ވަބާ އެގައުމުތަކުގެ ހަފޮޅުން އެތެރެ ވުމުގެ ސަބަބުންނެވެ.

ޓެރަރިޒަމްގެ ނުރައްކާ ރާއްޖޭގައި

ދާދި ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ހަމަލާއަކީ އެތައް ގޮތަކުން ދިވެހި މުޖުތަމަޢުގައި ގުގުމާލި ރަގަބީލެކެވެ.

ދައުލަތުގެ ވެރިންނަށް އަމާޒުކޮށް ޓެރަރިސްޓު ހަަލާތައް ދިނުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އާންމު ކަމެކެވެ. މިގޮތުން މި ފަދަ ހަމަލާތައް ދުނިޔޭގައި އާންމު ކޮށް ހިގާފައި ހުރީ، ޓެރަރިޒަމްގެ ނުރައްކާ އާންމު ވެގެންގޮސްފައިވާ ގައުމުތަކުގައެވެ. އަފްޢާނިސްތާން ފަދަ ގައުމުތަކުގައެވެ.

އެހެންނަމަވެސް، ދިވެހި ރާއްޖޭގައި މިފަދަ ނުރައްކާތެރި ބޮޑެތި ހާދިސާތައް ރައީސް ޔާމިންގެ ވެރިކަމާ ޖެހެންދެން ހިގާފައިވާ ކަމަކަށް ބެލެވޭކަށް ނެތެވެ. ރާއްޖޭގެ ވެރިކަންތައް ފުރޮޅާލުމަށް މާޒީގައި ހިންގާފައިވާ ދައުލަތާ ދެކޮޅު ހަރަކާތްތައް ތާރީޚުން ފެންނާން ހުއްޓަސް، މި ޒަމާނުގައި، ރޭވިގެން، ވެރީން އަވަހާރަށް ކޮށްލަން ބާރުގަދަ ބޮންތައް ގޮވާލުން ފަދަ ހާދިސާތަކަކީ ރާއްޖޭގައި އާންމު ކަންކަމުގެ ގޮތުގައި ދެންނެވޭކަށް ނެތެވެ. އެހެންނަމަވެސް، ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު، ސަލްޓަން ޕާކުގައި އެންމެ ފުރަތަމަ ބޮން ގޮއްވާލި ހާދިސާއިން ފެށިގެން ރާއްޖެގައި، ހަރުކަށި ފިކުރުތަކާއި ގުޅޭ އެތައްކަމެއް ވަނީ ފެންމަތި ވެގެން ގޮސްފައެވެ.

އަދި ރައީސް ޔާމިނުގެ ވެރިކަމުގައި ހިގައިދިޔަ ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގެ ހާދިސާއިން ފެށިގެން، ރާއްޖޭގައި ހަތިޔާރުގެ ބޭނުން ކޮށްގެން ހަމަލާ ދިނުމަކީ ހިގާފާނެ ކަމެއް ކަމެއްގައި ގަބޫލު ކޮށްގެން ތިބި އެތައްބަޔަކު އެބަތިއްބެވެ. އަދި މިއަދު މި ހަގީގަތް މިއޮތީ ދެވަފަހަރަށް ދިވެހިންގެ ލޯ ކުރިމަތީގައި ތަކުރާރު ވެގެން ގޮސްފައެވެ.

ނަޝިދަށް އަމާޒުކޮށް ދެވުނު ހަމަލާގައި ތުހުމަތު ކުރެވޭ އެންމެ އިސްމީހާ

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ހަމަލާއަކީ، ކޮން ގޮތަކަށް، ކޮންކަހަލަ ރޭވުމެއްގެ ދަށުން ދެވުނު ހަމަލައެއްކަން އަދި ޔަގީން ވެގެން ގޮސްފައި ނުވިނަމަވެސް، މިހާތަނަށް ތަހުގީގުން އެގެން އޮތް ކަމަކީ، މި ހަމަލާއާއި ގުޅުން އޮތީ ހަރުކަށި ފިކުރުގެ މީހުންނާއި ކަމެވެ. އަދި ހަމަލާ ދީފައިވަނީ، ރިމޯޓު ކޮންޓްރޯލުން ބޮމެއް ގޮއްވާލައިގެން ކަމެވެ.

އެހެން ކަމުން، ރިމޯޓް ކޮންޓްރޯލްގެ އެހީގައި ގޮވާތަކެތީގެ ބޭނުން ކޮށްގެން ހަމަލާ ދީގެން މީހުންގެ ފުރާނަ ދުއްވާލުމުގެ ވިސްނުމާއި ފިކުރު މުޖުތަމަޢުގެ ތެރޭގައި އަށަގަނެ، އަދި އެކަމުގެ ގާބިލްކަން ފަރުދުންގެ ތެރޭގައި ހުރެއްޖެނަމަ، މީގެ ނުރައްކާ މިއޮތީ އިންތިހާއަށް ބޮޑުވެފައެވެ. ސިޔާސީ ބައިބައި ވުމާއި، ހަމަނުޖެހުންތައް މުޖުތަމަޢުގެ ތެރޭގައި އިންތިހާއަށް ގޮސްފައި އޮތް އިރު، އަދި ދީނީ ޚިޔާލު ތަފާތުވުންތައް ވެސް އޭގެ އިންތިހާއަށް މުޖުތަމަޢުގެ ތެރޭގައި އޮތްއިރު، ގޮވާތެކެތީގެ ބޭނުންކޮށްގެ އެކަކު އަނެކެއްގެ ފުރާނަ ދުއްވާލާހިސާބަށް މުޖުތަމަޢުގެ ހާލަތު ދިއުމުން، ހަގީގަތުގައިވެސް ޓެރަރިޒަން ދިވެހިރާއްޖޭގެ ހަފޮޅުން އެތެރެވެފައި ނުވާކަމަށް މިއަދު ދެންނެވޭނެ އެއްވެސް ހަމައެއް ނުފެނެއެވެ.

އަވަސް ހައްލެއް ބޭނުން

ޓެރަރިޒަމްގެ މައްސަލަތަކަކީ، އެއަށް އަވަސް ފުރަވާއެއް ނުހޯދިއްޖެ ނަމަ، ކެންސަރެއް ފަދައިން މުޅި ގައުމަށް ފެތުރިގެން ހިގައިދަނެ ވަބާއެކެވެ. އަދި ގަައުމަށް ފެތުރިގެން ހިގައްޖެ ނަމަ، އެއަށް އެއަށް ހައްލު ހޯދުން އުދަގޫވާނެ ވަބާއެއްވެސް މެއެވެ. އެހެންކަމަނުން، ޓެރަރިޒަމްގެ ނުރައްކަތެރި ވަބާގެ ހައްލަކީ، ގައުމުގައި އޮތް ދީނީ ޚިޔާލުތަފާތު ވުންތައް ނައްތާލުން ކަމުގައި ވީަމަވެސް، އަދި އޭގެ ހައްލަކީ، ތައުލީމީ ނިޒާމުގެ ތެރެއިން ގެނެވެން އޮތް ހައްލެއް ކަމުގައި ވާނަމަ، ދުރަށް ވޭރިގެން، އެފަދަ ހައްލަކާ ދިމާލަށް ދަތުރުކުރަން ފެށުން މިއަދު މިއޮތީ ލަސްވެފައެވެ.

ގައުމުގައި ހުރި ބޮޑި މައްސަލަތަކަށް ހައްލު ހޯދުމުގެ އެންމެ މުހިންމު ޒިންމާއެއް ނަގަން ޖެހޭ ފަރާތަކީ ދައުލަތެވެ. އަދި ގިނަފަހަރަށް ހައްލު ނުހޯދިއްޖެނަމަވެސް، އޭގެ އެންމެ ބޮޑު ގުރުބާނީއަކާ ކުރިމަތި ލާންޖެހޭ ފަރާތަކީވެސް ދައުލަތެވެ. އެހެންކަމުން، ސިޔާސީޚިޔާލު ތަފާތުވުންތަކާއި، ދީނީ ބައިބައި ވުންތަައް ނައްތާލެވޭނެ މަގެއް ހޯދާ، ދިވެހިރާއްޖޭގެ ހަފޮޅުން އެތެރެވެފައިވާ ޓެރަރިޒަމްގެ ނުރައްކާތެރި ވަބާއަށް ފަރުވާ ހޯދަން މިއަދު މިއޮތީ ޖެހިފައެވެ. މިއަދު ފަރުވާ ނުހޯދިއްޖެނަމަ، ވަގުތު ފައިތުވުން އޮންނާނީ ވަރަށް ކައިރީގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *