އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން ބަލިވެ ލީގު ހޯދަން ސިޓީ އަނެއްކާވެސް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކުރީ ފަހަތުން އަރައި 2 ލަނޑު ޖަހައި 1-2 ގެ ނަތީޖާއަކުންނެވެ.
ލީގު ހޯދަން ސިޓީ އަށް ބާކީ ބޭނުންވަނީ ތިން ޕޮއިންޓެވެ. މި މެޗާއެކު އެޓީމު އެއް ވަނައިގައި އޮތީ 35 މެޗުން ލިބިފައިވާ 80 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތީ ދެ މެޗު މަދުން ކުޅެ 67 ޕޮއިންޓް ލިބިފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ.
މެޗުގައި ސިޓީން ލަނޑު ޖަހާ ލީޑު ނެގީ 44 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ރަހީމް ސްޓާލިންއެވެ. މީގެ އިތުރުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީއަށް ވަނީ ލީޑު ފުޅާކުރުމަށް ޕެނަލްޓީއެއްވެސް ލިބިފައެވެ. ސިޓީއަށް ރެފްރީ މި ޕެނަލްޓީ ދިނީ ބިލީ ގިލްމޯ ކުރި ފައުލަކާއި ގުޅިގެންނެވެ. ނަމަވެސް ސިޓީގެ އަގުއޭރޯ ޖެހި ޕެނަލްޓީ ޗެލްސީގެ ކީޕަރ މެންޑީ ވަނީ ފަސޭހަ ކަމާއެކު މަތަށްކޮށްފައެވެ.
މެޗުގެ ދެ ވަނަ ހާފުގައި ޗެލްސީން ވަނީ ކުރިއަށް ޖެހިގެން ކުޅެ ސިޓީގެ ގޯލަށް ނުރައްކާކޮށްފައެވެ. މިގޮތުން އެޓީމުން އުފެއްދި ހަމަލާއެއްގައި ހަކީމް ޒިޔެޗް ވަނީ 63 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. ޗެލްސީން މެޗުގައި މޮޅުވި ގޯލު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މާކޮސް އަލޮންސޯއެވެ.
މި ނަތީޖާއާއެކު ޗެލްސީ މިހާރު ވަނީ 35 މެޗުން 64 ޕޮއިންޓް ހޯދައި ލީގުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ހަތަރު ވަނައިގައި އޮތީ 35 މެޗުން 63 ޕޮއިންޓް ލިބިފައިވާ ލެސްޓާ އެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 34 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ.