ހުކުރު ދުވަހަކީ، ހަފްތާތެރޭގެ އެންމެ ޚާއްޞަ ދުވަހެވެ. ޚާއްޞަވަނީ އެދުވަހުގެ މެންދުރުގައި ކުރެވޭ ހުކުރު ނަމާދުންނެވެ. ނަމަވެސް މިއަދު ދައްކަން މިއުޅެނީ އެ ނަމާދުގެ މާތްކަމުގެ ވާހަކައެއް ނޫނެވެ! ދައްކަން މިއުޅެނީ އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުންގެ ކަންފަސޭހަކަން މެކުހަށް ޖަހާފައި ހުރިކަމުގެ ވާހަކައެވެ.
މިވާހަކަ މިހެން ބުނީމާ، މިހާރު ގިނަބަޔަށް އަޅުގަނޑު ދައްކަން އުޅޭ ވާހަކަ ރޭކާލާނެ ހެން ހީވެއެވެ. އަޅުގަނޑުވާނީ މި އަހަރު ތެރޭގައިވެސް ސޯޝަލް މީޑިއާއާއި، މިމައްސަލައަށް އަލިއަޅުވާލައިފައެވެ. އާދެ ސަފުތަރުތީބު ކުރުމުގެ މައްސަލައެވެ. ބައެއް މިސްކިތްތަކުގެ ބޭރުގައި އެއް ޖަމާޢަތެއްގެ ބަޔަކު، 3 ދިމާލަކަށް ތިބެ ނަމާދުކުރަމުން ދަނިކޮށް މީހަކު ވަނީ އެފޮޓޯތައް ސޯޝަލްމީޑިއާ ގައި ހިއްސާކޮށްފައެވެ. ވަރަށް ގިނަ މީހުން އޭރު އެކަމާ ކަންބޮޑުވެގެން ވެސް އުޅުނެވެ. އަނެއްކާވެސް މިވަނީ އެވާހަކަތައް ހިނދި ފައެވެ.
އަޚުންނޭވެ! ނަމާދު ޤަބޫލުކުރެއްވުމުގެ ޝަރުތު ތަކުގެ ތެރޭގައި، ޤިބްލައަށް ކުރިމަތިލުން ހިމެނެއެވެ. ޤިބްލައަށް ކުރިމަތިނުލައި ކުރެވޭ ނަމާދު ޞައްޙަ ނުވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ވަކި ޚާއްޞަ ޙާލަތްތަކެއްގައި ފިޔަވައެވެ. ވީއިރު ހުކުރުދަވަހު، ހުކުރުނަމާދަށް، ފަހުން ދާ މީހުންތައް މުޞައްލަ އަޅައިގެން މަގުމަތީގައި ނަމާދު ކުރާއިރު، ހިތަށް އެރި ދިމާލަކަށް ތިބެ ނަމާދު ކުރަނީ އަޅެ، ތިމާއަށް ނަމާދު މިކުރެވެނީ ރަނގަޅަށް ބާއޭވެސް ހިތަށް ނާންނަނީބާއެވެ؟!
ފުރްޤާން މިސްކިތަށް ބަލާލާށެވެ! މިސްކިތް ހުންނަނީ ސީދާ އަމީނީ މަގު ހުންނަހެން ސުރެން ސުރެއްކޮށެއް ނޫނެވެ. ކައްޗަށެވެ! ނަމަވެސް ސަފު ހަދާމީހުންނަށް އަމީނީ މަގު އޮންނަނީ ސަރާސަރު ޤިބްލައަށް ކަމަށް ހީވަނީ ތޯއްޗެކެވެ؟! ކުރިމަތީ އޮންނަ ސަފުގެ މީހުން، ޤިބްލައަށް ވާގޮތަށް ސަފުހެދިޔަސް، ބައެއް މީހުންނަށް ސަފަކީ އަމީނީ މަގު އެއޮތް ގޮތެވެ! ދެން ކަންފަސޭހަވިޔަސް މީ އަޅެ ބޮޑުވަރު ނޫންތޯއެވެ؟ އަދި ބައެއް މީހުންނަށް ޤިބްލައަށް ވަނީ، އެތާކައިރީ ހުންނަ ފުލެޓްތަކެވެ. ހީވަނީ އެފްލެޓްތަކަކީ ސީދާ ޤިބްލައަށް ބަހައްޓާފައިވާ ފުލެޓްތަކަކަށް ވާތީވެ އެއާ ދިމާލަށް ކުރަނީ ހެންނެވެ؟!
މިދަންނަވާލީ ދީނުގެ އެންމެ މަތީ އެއް އަޅުކަން ކުރުމުގައިވިެސް ބައެއް މީހުންގެ ކަންފަސޭހަކަން ހުރި މިންވަރުގެ ވާހަކައެވެ. ރޯމާ ދުވާލުގައެވެ. މީހުންނަށް ފެންނަގޮތަށެވެ. ދެން އެހެނިހެން ކަންކަމުގައި ކަންފަސޭހަކޮށްލާނޭ މިންވަރު ނިކަން އަންދާޒާ ކޮށްލައްވާށެވެ! މިހިރީ ހައްތާވެސް ބަލަންޖެހޭ ކަންކަމެކެވެ. ބެލެން ޖެހޭނޭ ކަންކަމެވެ. ހިތާމަ ހުއްޓެވެ!
ކައިރީ ހުންނަ މީހާ، ޤިބްލައަށް މުސައްލަމަ އަޅިޔަސް، އެތަން ފެނުނަސް، ޖެހިގެން ކައިރީގައި 4 ފޫޓު ދުރުގައި ހުންނަ މީހާ ހަމަ ހިތަށް އެރިގޮތަކަށް މުސައްލަ އަޅައި ނަމާދު ކުރާތަންވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ.
ބޭފުޅުންނޭވެ! ހުކުރަށް ވަޑައިގަތުމަކީ ވަރަށް އުފާކުރާކަމެކެވެ. ނަމަވެސް ހުކުރަށް ވަޑައިގެން ހުކުރު ކުރަން އެއޮންނަ ގޮތަށް ފަރުވާތެރިކަމާއެކު ކުރައްވާށެވެ! ރަނގަޅުވާނީ އޭރުންނެވެ.
އެޑިޓަރުގެ ނޯޓް: މިއީ ރޯދަމަަހަށް ޚާއްޞަކޮށް، ދީނީ، އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތަކަށް އަލިއަޅުވާލައި އައްޝައިޚް ޢަލީ ޒައިދު ތައްޔާރުކޮށްފައިވާ ކުރު ލިޔުންތަކެކެވެ! ތަފާތު އެކި މައުޟޫތަކަށް މި ލިޔުންތަކުގައި އަލިއަޅުވައި ލެވޭނެއެވެ. ޝައިޚް ޢަލީ ޒައިދަކީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ އިތުރުން، ދީނީ އިޖްތިމާޢީ އަދި އަޚްލާޤީ އެކިއެކި ކަންކަމުގައި އަގުހުރި ދަރުސް ތަކެއް ދެއްވާ ބޭފުޅެކެވެ.
2 Responses
ބެވުމަކީ ހައްލެއްނޫނެވެ. މިނިސްޓްރީގައި ތިބި ރައްޓެހިންނާއި ވާހަކަދައްކައިގެން ރޮނގުދެމީމަ މައްސަލަ ހައްލުވާނެއެވެ
މި ޢަލީ ޒައިދުގެ ނަން އިވުނަސް ފެނުނަސް އަޅުގަނޑުގެ ގާތަށް މި އަންނަ ރުޅި މައްިތިރިކުރައްވާނދޭވެ! އާމީން!