ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިރޭ ބޭއްވި ކުއްލި ޖަލްސާ ނިންމާލާނީ މަޖިލިސް ރައީސަށް ލިބިވަޑައިގެންނެވި އަނިޔާއެއް ސާފުވުމުންކަމަށް މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލިސް ޖަލްސާ ފެއްޓެވުމަށްފަހު އީވާ ވިދާޅުވީ ޖަލްސާގައި އެއްވެސް ބަހުސްއެއް ކުރެއްވުމަށް ގަސްތު ނުކުރައްވާ ކަމަށެވެ. ނަމަވެސް ޖަލްސާ ނިންމާލާނީ ޑޮކްޓަރުންގެ ފަރާތުންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން މި ހަމަލާއާއު ގުޅޭ ސާފު މައުލޫމާތު މަޖިލީހާއި ހިއްސާ ކުރުމުންކަމަށް އީވާ ވިދާޅުވިއެވެ.
ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އަމިއްލަ ނަންފުޅުގަ އާއި މަޖިލީހުގެ މެންބަރުންގެ ނަމުގައި ކުށްވެރިކުރާ ކަމަށެވެ. އީވާ ވިދާޅުވީ މިއީ ފިނޑި އަމަލެއް ކަމަށެވެ.
މާލޭ މަޖީދީ މަގުން، ގ. ކެނެރީގޭ ކައިރީގައި މިރޭ 20:20 ހާއިރު އެއްޗެއް ގޮއްވާލީ އެސަރަޙައްދުގައި އޮތް ރައީސް ނަޝީދުގެ ކާރުކޮޅަށް އެމަނިކުފާނު އަރައިވަޑައިގަންނަވަނިކޮށެވެ. އަދި މިހާދިސާގައި އަނިޔާތަކެއް ލިބުމާއި ގުޅިގެން ރައީސް ނަޝީދަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކޮށްފައެވެ. އެމްއެންޑީއެފްއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު، ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން އެ މަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފް އަންނަނީ ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކުރެވިފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ