ރައީސް ނަޝީދަށް ހަމަލާދޭން އުޅުނު ފަރާތްތައް ހޯދައި ޤާނޫނުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ޕީޕީއެމްއިން ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލިސް ރައީސަށް ދިން ހަމަލާއާއި ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީ ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ގެ ކޮޅު ކައިރިން ކާރުކޮޅަށް އެމަނިކުފާނު އަރާވަޑައިގަންނަވަނިކޮށް އެ ސަރަޙައްދުގައި ކާރުކޮޅު ކައިރިން އެއްޗެއް ގޮވާ އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ޚަބަރު އެހީ ކުއްލި ހައިރާން ކަމާއި އަސަރާއެކުގައި ކަމަށެވެ.
ރައީސް ނަޝީދުގެ ގެކޮޅު ކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ޙަޤީޤަތް ހޯދުމަށް އަވަސް ތަޙުޤީޤެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާ ތަކަށް ޕީޕީއެމްއިން ވަނީ ގޮވާލާފައެވެ.
ހަމައެއާއެކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެ ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި ސްޓިއަރިންގ ކޮމިޓީތަކާއި އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދީފައި މިވާ ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި އެ ޢަމަލު ރާވާ ހިންގުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތައް ހޯދާ ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޤާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ޕީޕީއެމްއިން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ