ފުލުހުންގެ އިސްތިއުނާފް ކޮމިޓީގެ މުޤައްރަރަކަށް ކުރީގެ ޑީސީޕީ ޞާދިޤު

ފުލުހުންގެ އިސްތިއުނާފް ކޮމިޓީގެ މުޤައްރަރަކަށް ކުރީގެ ޑީސީޕީ ޞާދިޤު

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 08:46
0

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 89 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "އިސްތިއުނާފް ކޮމިޓީ" ގެ މުޤައްރަރަކަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) މުޙައްމަދު ޞާދިޤު އިންތިޚާބުކުރައްވައިފިއެވެ.

ކޮމިޓީގެ ނައިބު މުޤައްރަރަކަށް އިންތިޚާބުކުރެއްވީ މ.ސަލްޖަމްގެ/މާލެ ފާތިމަތު ލީނާއެވެ. ކޮމިޓީގެ މުޤައްރިރާއި, ނައިބު މުޤައްރިރު އިންތިޚާބުކުރީ މިއަދު މެންދުރުފަހު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައެވެ. ފަސް މެންބަރުންގެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛު އަޒްމީން ރަޝީދު, އަލްއުސްތާޛާ މިންނާ ނާފިޛް އަދި އަލްއުސްތާޛު އަޙުމަދު ޝިހާދުއެވެ. ކޮމިޓީ އެކުލަވާލެއްވީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ވާގޮތުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ޢާންމު ރައްޔިތުންގެ ތެރެއިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިސްތިއުނާފު ކޮމިޓީއެއް ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަޒީރު އެކުލަވާލަންވާނެކަމަށެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންކަމުން އެ ޤާނޫނަށް ޢަމަލުކުރަމުންދާތާ މިއަދަށް އެއް މަސްދުވަސް ހަމަވާނެއެވެ.

އެ ޤާނޫނުގައިި ވަނީ އިސްތިއުނާފު ކޮމިޓީގެ މެންބަރުންނަކީ ފުލުހުންގެ ޚިދުމަތުގައި ވަޒީފާއަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެކަމަށެވެ. އަދި އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް އެ ކޮމިޓީން ބަލައި ގޮތެއް ނިންމުމުގައި ޢަމަލުކުރަންވާނީ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެ ބޯޑުން ޢަމަލުކުރުމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށްވެސް ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.