ރައީސް މައުމޫން ބޭސްފަރުވާއިން މަހުރޫމްކުރި ކަމަށް އެޗްއާރުސީއެމް އިން 3 އަހަރު ފަހުން ނިންމައިފި

ރައީސް މައުމޫން ބޭސްފަރުވާއިން މަހުރޫމްކުރި ކަމަށް އެޗްއާރުސީއެމް އިން 3 އަހަރު ފަހުން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 08:39
0

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ބޭބޭފުޅު އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރިއިރު ރައީސް މައުމޫނަށް ލިބިވަޑައިގަންނަވަންޖެހޭ އެކަށީގެންވާ ސިއްހީ ފަރުވާގެ ޙައްޤުން އެމަނިކުފާނު މަޙްރޫމްވެފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ހާމަކުރައްވައިފިއެވެ.

ޖަލުގައި ހުންނެވިއިރު ޙައްޤުތައް ގެއްލިފައިވާތީ ރައީސް މައުމޫނުގެ ފަރާތްޕުޅުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެކޮޅަށް، އެޗްއާރުސީއެމްއަށް މައްސަލައެއް ހުށަހެޅީ 2018ވަނަ އަހަރުގެ ޖޫން މަހުގެ 26ވަނަ ދުވަހުއެވެ. އޭގެ ގާތްގަނޑަކަށް 3 އަހަރުފަހުން މިމައްސަލަ ނިންމައި އެޗްއާރުސީއެމްއިން ވަނީ މައުމޫނާ އެއްކޮޅަށް މައްސަލަ ނިންމާފައެވެ. ޖަލުގައި ހުންނެވިއިރު ރައީސް މައުމޫނަށް ލިބިވަޑައިގަންނަވަންޖެހޭ ސިއްޙީ ފަރުވާގެ ޙައްޤުން އެމަނިކުފާނު މަޙްރޫމްވެފައިވާކަމަށް ބުނެ ހުށަހެޅި މައްސަލަ ސާބިތުވާ ކަމަށް އެކޮމިޝަނުން ނިންމީ މިދިޔަ މަހުގެ 23ވަނަ ދުވަހުއެވެ.

އެކޮމިޝަނުން ވިދާޅުވެފައިވަނީ ރައީސް މައުމޫނުގެ ސިއްޙީ ޙާލަތަ ގުޅޭގޮތުން ޑޮކްޓަރުން ދެއްވި އިރުޝާދާއި ލަފާގެ މަތިން، ޤާނޫނީގޮތުން އެމަނިކުފާނަށް ލިބިދޭންޖެހޭ ސިއްޙީ ޚީދުމަތް ލިބުމުގެ ފުރުސަތުތައް ކަރެކްޝަނަލް ސަރވިސްއިން ނުދޭކަން ތަހްޤީޤަށް ސާބިތުވެފައިވާކަމަށެވެ. އަދި ޤާނޫނު އަސާސީގެ 23ވަނަ މާއްދާގެ (ނ)އިން ރައީސް މައުމޫނަށް ކަށަވަރުކޮށްދީފައިވާ ސިއްޙީ ފަރުވާ ލިބުމުގެ ޙައްޤު އެމަނިކުފާނަށް ގެއްލިފައިވާކަމަށް އެޗްއާރުސީއެމްއިން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫނު ހައްޔަރުކޮށް ޖަލަށްލީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރެއްވިކަމުގެ ތުހުމަތުގައެވެ. އަދި މީގެ އިތުރުންވެސް މައުމޫނުގެ މައްޗަށް އެމަނިކުފާނުގެ ކޮށްކޯފުޅުގެ ސަރުކާރުން ބޮޑެތި ތުހުމަތުތަކެއް ކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.