ޕާޓީތަކުން ޖިނާއީ ތަހުގީގު ހިންގުމަކީ ޖޯކަކަށްވެދާނެ ކަމުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް، މަސައްކަތް ކުރާނެ ބޭރުގެ ފަންނީ މާހިރެއް އައްޔަންކޮށް އެ ފަރާތާއެކު މަސައްކަތްކުރުމުގެ ބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ދިނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު ގަރާރެއް ހުށަހެޅުއްވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައެެވެ.
މުހުތާޒު ވިދާޅުވީ މިމައްސަލަ އިންސާފު ވެރިކަމާއިކު ބެލޭނީ މިކަން ބަލަން ތިއްބެވި މީހުންނަކީ އިންސާފުވެރި ބަޔަކަށް ވެގެން ކަމަށެވެ. މިމައްސަލައިގެ މިސްރާބު ބަދަލުކޮށްލި މީހުން މައްސަލަ ބަލަން ތިއްބެވިހާ ހިނދަކު މިމައްސަލަ ރަނގަޅަށް ކުރިއަށް ނުދާނެކަމަށް މުހުތާޒު ވިދާޅުވިއެވެ.
ޕާޓީތަކުން ޖިނާއީ ތަހުގީގު ހިންގުމަކީ ޖޯކަކަށްވެދާނެ. އެމް.އެމް.ޕީ.އާރ.ސީ ގެ މައްސަލައިގައި ކުރީގެ ސަރުކާރުން ބޭނުންވިގޮތަށް ތަހުގީގު އޮޅުވާލައި މިސްރާބް ބަދަލުކުރުވި މީހުން އެމައްސަލަ ތަހުގީގުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާހާ ދުވަހަކު އެމައްސަލަ އިންސާފުވެރިކޮށް ނުބެލޭނެ.
– މުހުތާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހޯދުމަކީ އެމްޑީޕީގެ އެންމެ މުހިއްމު އެއް ވައުދުކަ ކަމަށް ވެފައި، އެ ހިޔާނާތާ ގުޅިގެން ގެއްލުނު ފައިސާ ހޯދުމަށައި ހިޔާނާތުގެ ބައިވެރިން ހޯދުމަށް އެ މައްސަލަ ތަހުގީގު ކުރަމުންދަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުން ގުޅިގެން ކަމަށެވެ.
އެކަމަކު، އެ ހިޔާނާތާ ގުޅޭ ތަހުގީގު އެކަށީގެންވާ އަވަސް މިނެއްގައި ކޮށްފައި ނުވާ ކަމަށާއި ފައިސާ ހޯދުމަށް ވެސް އެކަށީގެންވާ މަސައްކަތެއް ކުރަމުންދާތަން ނުފެންނުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ގަރާރުގައިވެ އެވެ.
އޭގައި ބުނީ، އޮގަސްްޓް 26، 2018 ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން ބޭރުގެ ފަންނީ ތަޖުރިބާކާރަކު ހޯދައި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ފައިސާ ދަތުރުކޮށްފައިވާ ގޮތާއި އެ ފައިސާއާ ބެހޭ މައުލޫމާތާއި އަދި އެނޫން ވެސް އެ ފަރާތުގެ އެންމެހައި ހޯދުންތައް ސަރުކާރަށް ފޯރުކޮށްދީފައިވީ ނަމަވެސް، އެ މައުލޫމާތުގެ އަލީގައި ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކޮށްފައި ނެތް ކަމަށެވެ. އެހެންވެ، ހިޔާނާތުގައި ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކޮށްދޭނެ ބޭރުގެ ފަންނީ މާހިރަކު ހޯދައި، އެ ފަރާތްތަކާ އެކު ކުރަންޖެހޭ މަަސައްކަތްތައް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ކުރުމަށް ނަޝީދުގެ ގަރާރުގައި ވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ޝާމިލުވާ މީހުންގެ ލިސްޓު ރައީސް ނަޝީދު މިހާރު ވަނީ މަޖިލީހަށް ހޯދާފައެވެ. އަދި މަޖިލިސް ތެރެއިންވެސް މިކަން ގޮސްފައިވާ ހިސާބެއް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ