އއ.ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިންޑިޔާ ފަތުރުވެރިޔަކަށް މިއަދު ފަރުވާ ދެމުން ދަނިކޮށް ނިޔާވެ، ފާއިތުވެދިޔަ 24 ގަޑިއރުތެރޭގައި ނިޔާވި މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ.
މިމީހާ ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން ވަނީ ގެސްޓް ހައުސްއެއްގައި ކަރަންޓީން ކޮށްފައެވެ. އޭނާ ކަރަންޓީންގައި ހުއްޓާ މިއަދު ހާލު މާސީރިއަސް ވެގެން ހޮސްޕިޓަލަށް ގެންގޮސް އޮކްސިޖަންވެސް ދީފައިވާކަމާށާއި، ނިޔާވީ ފަރުވާ ދެމުން ދަނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އުމުރުން 61 އަހަރުގެ މި ފަތުރުވެރިޔާ ނިޔާވުމުން އޭނާ ވަޅުމުގެ ކަންކަން އެޗްޕީއޭގެ މިންގަނޑުގެ ތެރެއިން ކުރުމަށް ރަސްދޫ ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 77 އަށް އަރާފައެވެ.
މިއަދު ވަނީ ޅ.ނައިފަރުގައިވެސް ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެފައެވެ. އަދި ރޭގެ ވަނީ އިތުރު މީހަކު މާލޭގައި ކޯވިޑަށް ފަރުވާ ދެނިކޮށް ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑްގައި ނިޔާވާ މީހުުންގެ އަދަދު އިތުރުވެ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ފަރުވާދޭ ގިނަ ތަންތަން ހުރީ ފުރިފައެވެ. އަދި ބޭނުންވާ ވަސީލަތްތައްވެސް އެންމެ އެކަށީގެންވާ ވަރަށް ނެތްކަމުގެ ކަންބޮޑުވުންވެސް އެބައޮތެވެ. ސަރުކާރުން ވަނީ އިތުރު ވަސީލަތްތައް ހޯދައި، އިތުރު މީހުން ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ