ޅ. ނައިފަރުގައި ކޯވިޑު-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ބަލީގައި ނިޔާވި މީހުންގެ އަދަދު 2 އަށް އަރައިފިއެވެ.
ނައިފަރުގައި ފަރުވާ ދެމުން ދިނިކޮށް ނިޔާފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެެ. މިމީހާ ނިޔާވެފައިވަނީ މިއަދު މެންދުރު 12:30 ހާއިރު ނައިފަރު ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 76 ވަނަ މީހާއެވެ.
ރޭގައިވެސް ވަނީ ރާއްޖެއިން ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެފައެެވެ. ރޭގައި ނިޔާވެފައިވަނީ ޢުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. ރޭ ދަންވަރު 03:18 ހާއިރު ނިޔާވި މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހެއް ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.
ރާއްޖެއިން ކޮންމެ ދުވަހަކުވެސް އަންނަނީ ރެކޯޑް ޢަދަދަކަށް މީހުން ކޯވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން ފާއިތުވި24 ގަޑިއިރުގެ ތެރޭގައިވެސް 734 މީހަކަށް ބަލިޖެހިފައިވެއެވެ. އޭގެތެރޭގައި ގިނައީ މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. އެގޮތުން މާލެ ސަރަހައްދުން އެކަނިވެސް 540 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ކޯވިޑް ބަލީގައި މިވަގުތު ރާއްޖޭގައި 7،109 މީހުންނަށް ފަރުވާދެމުން އަންނަ މީހުންގެ މީގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންވެސް 198 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ރާއްޖޭގައި ކޯވިޑްގެ ޙާލަތު ވަރަށް ބޮޑަށް ވަނީ ނުރައްކާވެފައެވެ. އެގޮތުން ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނަނީ އައު ވޭރިއަންޓުގެ ސަބަބުން ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ