ހިޔާ ފްލެޓްތަކަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ގެނައި ކޭބަލް ވަގަށް ނެގި މައްސަލާގައި އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ވާނަމަ އެ މުވައްޒަފަކާއި މެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކަރަންޓުގެ ޙިދުމަތް ދިނުމަށް ގެނެވިފައިވާ ކަރަންޓު ކޭބަލްތަކާއި ގުޅޭގޮތުން މީސް މީޑިއާގެ އެކި މަންސަތަކުގައި ދަޢުރުވަމުންދާ ޙަބަރުތަކާއި ފޮޓޯތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޭބަލްތައް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއި އެކު މިހާރު ދަނީ ކުންފުނީގެ އިންޓަރނަލް އޮޑިޓުންނާއި މޯލްޑިވްސް ޕޮލިސް ސާވިސަސްއާއި ގުޅިގެން ތަޙުޤީގުކުރެވެމުން ކަމަށެވެ.
ހުޅުމާލެ ފޭސް 2 ހިޔާ ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކަރަންޓުގެ ޙިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާއިރު މިފަދަ ކަމަކާއި ކުރިމަތި ވުމަކީ މިކަމުގެ ސަބަބުން މިމަޝްރޫޢު ހިންގުމަށް އެތަކެއް ދަތިތަކެއް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މި މައްސަލަ ތަޙުޤީގުކޮށް މިކަމުގައި ބައިވެރިވާ ފަރާތްތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އަދި މި ކަމުގައި އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ވާނަމަ އެ މުވައްޒަފަކާއި މެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މީގެއިތުރުން، ހުޅުމާލެ ފޭސް 2 ގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އާބާދުވެގެން ދާއިރު ކޮންމެހެން ހުންނަން ޖެހޭނެ އަސާސީ ޙިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޯޕަރޭޝަންގެ ފަރާތުން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ