ޅ.އަތޮޅު ހޮސްޕިޓަލުން ކޯވިޑަށް ޓެސްޓް ކޮށްލެވޭނެ ވަސީލަތެއް ނެތި، ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތް އިންތިހާއަށް ދަށަށް ދިއުމުން އެކަމުގެ ކަންބޮޑުވުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ފާޅު ކުރައްވައިފިއެވެ.
ޝިޔާމް ވިދާޅުވީ ކޯވިޑްގެ ކޭސްތައް އިންތިހާއަށް މަތިވެ، އަތޮޅު ތެރޭގެ ރަށްތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެކަށީގެންވާ ވަސީލަތްތައް ނެތްކަމަށެވެ. ޚާއްސަކޮށް ޅ.އަތޮޅު ހޮސްޕިޓަލަކީ 15،000 އާބާދީއެއް ބަރޯސާވާ ހޮސްޕިޓަލަށްވާއިރު އެ ހޮސްޕިޓަލުގައި މިހާރު ކޯވިޑަށް ޓެސްޓްކވެސް ކުރެވެން ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިހާތަަށް ދިޔައިރު ހޮސްޕިޓަލުގައި ޚިދުމަތްދޭ ނަރުހުންނާއި ޑޮކްޓަރުން ވަރުބަލިވެ ގޮސްހުސްވެފައިވާކަމަށެވެ. ވަސީލަތްތައް ނެތި އެބޭފުޅުންނަށް ކުރިމަތިވާ ފާޑުކިޔުން އިތުުރުވަމުންދަނީ ސަރުކާރުން މިކަމަށް ވެފައިވާ އިހުމާލުވުން ބޮޑުވުމުންކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ހާލަތު މިހާރު އޮތް ގޮތުން ކްރިޓިކަލް ހާލަތުގައި ނެގޭ ސާމްޕަލެއްގެ ނަތީޖާ ލިބެންދެންވެސް 7 ދުވަސް ނަގާކަމީ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.
ފަނަރަހާހަށްވުރެ ބޮޑު އާބާދީއެއް ޚިދުމަތް ހޯދާ ޅ.އަތޮޅު ހޮސްޕިޓަލްގައި ކޯވިޑަށް ޓެސްޓް ކޮށްލެވޭނެ ވަސީލަތެއް އަދިވެސް ނެތް. ހޮސްޕިޓަލުގެ މުވައްޒިފުން ވަރުބަލި ވެއްޖެ. ކްރިޓިކަލް ކޭސްތަކުގައި ޓެސްޓް ނަތީޖާ ލިބެން 7 ދުވަސް. ހުރީ 4 ސިލިންޑަރު އޮކްސިޖަން. ނައިފަރުގެ ހާލަތު ހާލަތު ވަރަށް ގޯސް. ސަރުކާރަށް ވާކަމެއްނޫން.
– ޝިޔާމް ވިދާޅުވިއެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާއިރު، ޅ.ނައިފަރަކީ ބަލީގެ ނުރައްކާ އޮތް އެއްރަށެވެ. ނައިފަރުގެ ހާލަތު ގޯހުން ގޯހަށްދާތީ ޝިޔާމްވަނީ ތަކުރާރުކޮށް އެރަށުގެ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ދަންނަވާފައެވެ. އަދި ސަރުކާރުން މިހާރަށްވުރެއް ބޮޑަށް ރައްޔިތުންގެ ހާލަތާއިމެދު ވިސްނައި އަޅާލަން ޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެެ.
ރާއްޖެއިން މިހާރު ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 7،000 އަށް ވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. އަދި 200 އަށް ވުރެ ގިނަ މީހުންނަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.
ކޮމެންޓު ފޮނުވާ