އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައިވަނީ މުއްދަތެއް ނެތްގޮތަށް

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައިވަނީ މުއްދަތެއް ނެތްގޮތަށް

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 01:50
0

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ މިނިސްޓަރު ޢަލީ ވަޙީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކުރަން ނެރުނު އަމުރުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތް ކަމަށް ދައުލަތުން މިއަދު ބުނެފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް އިޖުރާއީ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ޕާސްޕޯޓް ދޫކޮށްލި އަމުރުގައި ވަކި މުއްދަތެއް ނެތް ކަމަށެވެ. ދައުލަތުން ބުނީ ޕާސްޕޯޓް ދޫކުރަނީ ހަތަރު މަހަށް ކަމަށް އަޑުއެހުމުގައި ގާޒީ ވިދާޅުވި ނަމަވެސް ނެރުއްވި އަމުރުގައި ވަކި މުއްދަތެއް ނެތް ކަމަށެވެ. އެކަމަކު އަލީ ވަހީދަށް ޖާމިނުވި ފަރާތުން ސޮއިކުރި ލިޔުންތަކުގައި ހަތަރު މަހުގެ މުއްދަތެއް އޮތް ކަމަށާއި ނަމަވެސް ޕާސްޕޯޓް ދޫކުރުމުގައި އިމިގްރޭޝަނުން ބަލާނީ ކޯޓު އަމުރަށްކަން ފާހަގަކުރިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ދޫކޮށްފައިވާ ނަމަ އެ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފަށް ދިއުމުގެ ބަދަލުގައި މުރާޖައާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަނޭޅެނެތޯ، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސުވާލުކުރެއްވި އެވެ. އެ ސުވާލަށް ދައުލަތުން ބުނީ އިސްތިއުނާފުގެ މަގު ޚިޔާރުކުރީ މުރާޖައާ އަށް ހުށަހެޅި ނަމަވެސް މައްސަލާގައި ގޮތް ނިންމަވާނީ ހަމަ އެއް ގާޒީއެއް ކަމަށާއި މިއީ އާންމުކޮށް ކަން ހިނގާ ގޮތަށް އެ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ މައްސަލައެއް ނޫން ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުގެ އަމުރު ބާތިލްކުރުމުން މިހާރު ވާނީ ކޮން ފައިދާއެއްތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ދައުލަތުން ބުނީ ޕާސްޕޯޓް ދޫކުރި އަމުރު ބާތިލްކޮށްފި ނަމަ އަލީ ވަހީދު މިހާރު ހުރި ތަނެއް އިންޓަޕޮލް މެދުވެރިކޮށް ހޯދައި އޭނާ ގެންނަން ކުރަންޖެހޭ މަސައްކަތަށް ފަސޭހަވާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ މިނިސްޓަރު ޢަލީ ވަޙީދު ޝަރީޢަތަށް ޙާޒިރުކުރުމަށް އިންޓަރޕޯލް ރެޑްނޯޓިސް ނެރެގެންވެސް މައްސަލަ ކުރިއަށް ގެންދަވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދު ޓުއަރިޒަމް މިނިސްޓަރުކަމަށް ހުންނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާއަށް އިޝަރާތް ކުރައްވާ ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ، ޢަލީ ވަޙިދު ދިރިއުޅޭ އެޑްރެސް ނޭނގިގެން ނުވަތަ އޭނާއަށް ޗިޓް ހަވާލު ނުކުރެވިގެން ކޯޓަށް ޙާޒިރު ނުކުރެވިއްޖެ ޙާލަތުގައި އިންޓަރޕޯލް ރެޑް ނޯޓިސްނެރެގެންވެސް އެ މައްސަލަ ކުރިއަށް ގެންދަވާނެކަމަށެވެ.

ޓްއަރިޒަމް މިނިސްޓަރުކަމަށް އަލީ ވަހީދު ހުންނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 7 ދައުވާއެއް ދައުލަތުންވަނީ އުފުލާފައެވެ. އަދި މި އެ މައްސަލާގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ.

ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމަށް ދަށު ކޯޓުން ކުރި ޢަމުރު ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރެއްވިއެވެ. ނަމަވެސް ޢަލީ ވަހީދު މިހާރު އުޅޭ އެޑްރެހެއް ޕީޖީއަށް ބުނެދެވިފައި ނުވުމުން ޗިޓް ރައްދުކުރާނެ ގޮތެއް ނެތިގެން ހައިކޯޓުގައި އެ މައްސަލަ ކުރިޔަށް ނުގެންދެވި ވަނީ ހުއްޓިފައެވެ.

ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ. އަލީ ވަހީދު ބޭރަށް ފުރާފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ ޖާމިނުވުމުންނެވެ. އަދި ހަތަރު މަސްދުވަސް ތެރޭ އަލީ ވަހީދު އަނބުރާ ގެންނާނެކަމުގެ ޔަޤީންކަންވެސް އަސްއަދު ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.