ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑް ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ޗެލްސީ ހޯދައިފިއެވެ.
ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީ އާއި ރެއާލް ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީއެވެ. މި ނަތީޖާއާއެކު ޗެލްސީ ފައިނަލަށް ދަތުރުކުރީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ފައިނަލުގައި ޗެލްސީ ވާދަކުރަނީ ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކުރި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، މި ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ ޗެލްސީންނެވެ. މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، ލީޑު ފުޅާކުރަން އެ ޓީމުގެ މޭސަން މައުންޓާއި ކައި ހަވާޓްޒްއަށް ވަނީ ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޗެލްސީން ވަނީ ލީޑު ފުޅާކޮށްފައެވެ.
މިއީ 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެ ޗެލްސީން ތަށި ހޯދި ފަހުން އެ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ޗެލްސީއާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗު ކުޅޭނީ ތުރުކީގެ އިސްތަމްބުލް ގައެވެ. މި ފައިނަލް މެޗު އޮންނާނީ މެއި 29 ގައެވެ.