އެއްވެސް މަޝްވަރާ ކުރުމެއްނެތި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުގެ މަޤާމު ފުރުއްވަމުންދިޔަ ޒަހާ ވަހީދު މަޤާމުން ވަކި ކުރެއްވުމާއި ގުޅިގެން ރައީސް މައުމޫނާއި، އެމްއާރުއެމްއިން ހަމަ ހިމޭނެ ވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއްސިޔާސީ ލީޑަރު އަދި ރާއްޖޭގެ އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ރައީސް މައުމޫން މިމައްސަލާގައި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އަދި އެމަނިކުފާނު ނިސްބަތްވާ އެމްއާރުއެމްއިންވެސް މިކަމުގައި އަދި އެއްވެސް އެއްޗެއް ހާމަކުރައްވާފައިނުވެއެވެ. މިނިސްޓަރ ޒަހާ މަޤާމުން ވަކިކޮށްފައިވަނީ ރޭ ދަންވަރު ބާރަ ޖަހަން އުޅެނިކޮށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ފޯނުން ގުޅުއްވައި އެކަމަނާއި އަށް އެކަން އަންގަވައިގެންނެވެ.
ޒަހާ މަޤާމުން ވަކިކޮށް، ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމަކަށް ބަދަލު ކުރިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް މިކަން ރަސްމީކޮށް އަދި ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ. އަދި މިނިސްޓަރ ޒަހާ މިއަދު މިނިސްޓްރީއަށް ނިކުންނައި މަސައްކަތުގައިވެސް އުޅުއްވިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޒަހާ މަޤާނުން ވަކިކޮށްފައިވާ ގޮތާއިމެދުވެސް މިހާރު ގިނަ ސުވާލުތަކެއް އުފެދެމުންދާއިރު، އެމްއާރުއެމްގެ އޮފިޝަލަކު ބައެއް މިޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޒަހާ މަޤާމުން ވަކިކޮށްފައިވަނީ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކުރެއްވި ކުއްލި ފޯނުކޯލަކުންކަމަށެވެ.
ޒަހާ މަޤާމުން ވަކިކުރައްވާފައިމިވަނީ، ސަރުކާރު ހިންގުން ލަސްކަމަށާއި، އެދެވޭ ނަތީޖާއެއް ނުނިކުންނާތީ، ކެބިނެޓަށް ބަދަލުތަކެއް ގެނައުމުގެ ވާހަކަތަކުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މިއަދުވެސް ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޒަހާ މަޤާމުން ވަކިކުރެއްވުމަށްފަހު ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަންކުރައްވާފައިވާކަމަށްވެސް ވާހަކަދެކެވޭއިރު، ސަރުކާރުން އަދި ވަކިއެއްޗެއް ހާމަނުކުރައްވައެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާނެކަމުގެ އިޝާރާތެއް ރައީސް ވަނީ އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެއްވާފައެވެ. އެގޮތުން މިހާރު އެ މަސައްކަތް ރައީސް ވަނީ ފައްޓަވާފައެވެ. ރައީސް ވަނީ އެކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވެސް ސިޓީއަކުން މިހާރު އެކަން އަންގަވާފައެވެ. ރައީސްގެ އެ ސިޓީގައި ވަނީ ވަޒީރުންނަށް ވަޒީރުކަމުގެ މަސްޢޫލިއްޔަތު އަދާނުކުރެއްވޭކަމަށް ބަޔާންކޮށްފައެވެ.
އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ގިނަވެފައިވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އެވަޒީރުން ވަޒީރުކަމުން ވަކިކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ނަމަވެސް މަޤާމުން ވަކިކުރައްވަނީ ކޮން ވަޒީރުންނެއްކަމެއް ވިދާޅުވެއް ނުވެއެވެ. ރައީސްގެ މިސިޓިއާއި ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ރައީސްއަށް ޖަވާބުދެއްވާފައިވެެއެވެ. އަދި އެކަމުގެ ކަންބޮޑުވުން އެމްޑީޕީން ފިޔަވާ އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ފާޅުކުރައްވާފައިވެއެވެ.
ބައެއް ވަޒީރުން މަޤާމުން ދުރުކުރެއްވުމަށް ރައީސް ނިންމަވާފައިވާއިރު، އެނގިފައިވާގޮތުގައި އޭގެތެރޭގައި ރައީސް މައުމޫންގެ އެމްއާރުއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ވަޒީރުން ހިމެނެއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ސަރުކާރުންވެސް އަދި އެމްއާރުއެމް އިންވެސް ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.
ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރުގެ ސްޕީޑް ލަސްކަމަށާއި، ނަތީޖާ ނުނެރެވޭކަމަސް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. މިހާތަނަށް އާއިރުވެސް ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ބައެއް ވަޒީރުން ޕްރެޝަރާހެދި ވަނީ ފެޔަށްޖެހިވަޑައިގެންފައެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓުވެސް ނަގާފައިވެއެވެ.
އެގޮތުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއާއި، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ.
މީގެ އިތުރުން ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވަނިކޮށް އިސްތިއުފާދެއްވުމަށް ރައީސް އެންގެވުމުން އިސްތިއުފާނުދެއްވުމުން ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކިކުރައްވާފައިވެއެވެ. އަދި ޓެކްނޮލޮޖީ މިނިސްޓަރުގެ އިތުބާރުނެކަމަށް މަޖިލީހުން ފާސްކޮށް މަޤާމުން ދުރުކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ