ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވަނީ ދުނިޔޭގެ އެކިގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ނުރައްކާ އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމި ނަމަވެސް ރާއްޖޭގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ.
އެއްމެ ފަހުން މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އާއްމުކުރި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދަށް ހަމަވާނެއެވެ. މިއާއެކު މި ޙާލަތު މިހާތަނަށް 14 ފަހަރެއްގެމަތިން މިވަނީ ދަމަހައްޓާފައެވެ.
އާއްމު ރޯގާއެއްގޮތަށް ފެތުރެމުން އައި ކޯވިޑް-19 ބަލި، މުޅި ދުނިޔެއަށް ފެތުރި ބަލިމަޑުކަމެއްގެ ގޮތުގައިވަނީ އިޢުލާންކޮށްފައެވެ. ރާއްޖެއިން ފުރަތަމަ ކޭސްތައް ފެނުނީ ރިސޯޓްތަކުން ނަމަވެސް، މާލޭ ސަރަޙައްދުން ބަލި ފެނުމާއިއެކު، މުޖުތަމަޢުގެތެރޭގައި ބަލި ފެތުރޭކަމަށްވަނީ ނިންމާފައެވެ.
އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ވިލާތުން ފެނުނު ކޮރޯނާ ވައިރަސްގެ އައު ބާވަތް ރާއްޖެއަށް އައިސްފައިވާކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. އަދި ޤައުމުތަކުގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރު ބަލާ މިންގަނޑުން ބަލާނަމަ ރާއްޖެ މިވަގުތު އޮތީ ހައިރިސްކު ޙާލަތުގައިކަމަށް، ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ ބަލިން ރައްކާތެރިވުމަށްޓަކައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
ކޮމެންޓު ފޮނުވާ