ބޭލްގެ ހެޓްރިކާއެކު ޓޮޓެންހަމުން މުހިއްމު މޮޅެއް ހޯދައިފި

ބޭލްގެ ހެޓްރިކާއެކު ޓޮޓެންހަމުން މުހިއްމު މޮޅެއް ހޯދައިފި

Author
ޔޫސުފް
03 މެއި 2021 08:41
0

ގެރެތް ބޭލްގެ ހެޓްރިކާއެކު ޓޮޓެންހަމުން އިނގިރޭސި ޕްރިމިއާ ލީގުގައި މުހިއްމު މޮޅެއް ހޯދައިފިއެވެ.

ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްގެން ކުޅުނީ ޓޮޓެންހަމުންނެވެ. މެޗުގައި ޓޮޓެންހަމަށް ގޯލު ހުޅުވައިދިން ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެރެތް ބޭލްއެވެ. މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފް ފަށައިގެން 61 ވަނަ މިނެޓުގައި ސޮން ހެއުން މިން ގެ އެހީތެރިކަމާއެކު ބޭލް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ 8 މިނެޓު ފަހުން ބޭލް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގައި ބޭލް ހެދި ދެވަނަ ހެޓްރިކެއެވެ. ފުރަތަމަ ހެޓްރިކް ބޭލް ހެދީ 2012 ވަނަ އަހަރުގެ ސީޒަންގައި އެސްޓަން ވިލާއާއި ދެކޮޅަށެވެ. މެޗުގައި ޓޮޓެންހަމުން ޖެހި ހަތަރު ވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސޮން ހެއުން މިންއެވެ. ސޮން ވަނީ މި މެޗުގެ 51 ވަނަ މިނެޓުގައިވެސް ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން ލިބުނު 56 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ 5 ވަނައިގައެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި ޓޮޓެންހަމާ ދެމެދު އޮތީ 5 ޕޮއިންޓްގެ ފަރަގެކެއެވެ. މި މެޗުން ބަލިވި ޝެފީލްޑް ޔުނައިޓެޑް ތާވަލްގެ ފުލުގައި އޮތީ 34 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.