ސަރުކާރުން މަތިވެރީގެ ރައްޔިތުންނަށް (ޞިއްޚީ) އަސާސީ ހައްގު ފުރިހަމަ ކޮށްދޭންޖެހޭ ކަމުގައި މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ އިންތިޚާބީ ކައުންސިލަރު އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ކޯވިޑްގެ ހާލަތު މަތިވެރީގައި ގޯސްވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެރަށުގެ ހާލަތާއިމެދު ސަރުކާރުން އެއްވެސް ވަރަކަށް އަޅާނުލާކަށް ރަށު ކައުންސިލުންނާއި، އެރަށުގެ ރައްޔިތުން ދަނީ ބަނަމުންނެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ޝުޖާ ވިދާޅުވީ މަތިވެރީގައިވެސް ތިބީ ރައްޔިތުން ކަމަށެވެ. ކޮންމެ ރައްޔިތަކަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޞިއްޚީ ހައްޤަކީ ސަރުކާރުން ދޭން މަޖުބޫރުވާ ހައްގަކަށްވާއިރު، އެހައްގުން އެއްވެސް ރައްޔިތަކު މަހުރޫމްވާ ގޮތަކަށް ސަރުކާރަށް ކަންކަން ނުކުރެވޭނެކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ.
މިއީވެސް ދިވެހި ރައްޔިތުން، އަސާސީ ބޭސްފަރުވާއިން މަހުރޫމެއް ނުކުރެވޭނެ، މަތިވެރީގެ ރައްޔިތުން ތިބީ ބޮޑުބަލިމަޑު ކަމެއްގެ ތެރޭގައި، ސަރުކާރުން މިކަމަށް އިޖާބަދީ މަތިވެރީގެ ރައްޔިތުންނަށް އެހީތެރިވުމަށް ގޮވާލަން.
– ޝުޖާ ވިދާޅުވިއެވެ.
މިއަދު މަތިވެރިން ޕޮޒިޓިވްވި މީހުންނާއިއެކު މިހާތަނަށް އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 200 އަށްވުރެ މައްޗަށް އަރާފައެވެ. އާބާދީގައި 900 އެއްހާ މީހުން ދިރިއުޅޭ މަތިވެރީގައި މިހާރު ބަލީގެ އަސަރު ނެތް މީހަކު މަދެވެ. މަތިވެރީގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް ކަމާއި ގުޅުންހުރި އިދާރާތަކުން ނަންބަރުތައް ހާމަކުރުން ފިޔަވައި ކުރެއްވި އެއްވެސް މަސައްކަތެއް ނެތެވެ.
މަތެވީގައި ކޯވިޑްގެ ކޭސްތައް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު، ރަށުގެ ހިންގުން މިވަގުތުވަނީ ގާތް ގަނޑަކަށް ހުއްޓިފައެވެ. މުއައްސަސާތަކުގެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ. ރަށުގެ ޞިއްޚި މަރުކަޒުގައި ރަށުގައި އޮތް ހުރިހާ ބައްޔަކަށް ފަރުވާދޭން ހުރީ އެންމެ ޑޮކްޓަރެކެވެ. މަރުކަޒުގެ ގިނަ ސްޓާފުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ކޮމިއުނިޓީ ސްޕްރެޑެއް އޮތް މަތިވެރީ ހާލަތާއިމެދު ރަށުގެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވެ ގޮތް ހުސްވެފައިވާއިރު މިހާތަނަށް އެރަށުގެ ހާލަތު ދެނެގަތުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން ކައުންސިލަށް ގުޅައި މައުލޫމާތު އޮޅުން ފިލުވާފައި ނުވާކަމަށް ރަށު ކައުންސިލް ރައީސް ވަނީ ބައެއް މީީޑިޔާތަކުގައި ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ