މިއީ ތާރީހުގައިވެސް މަސައްކަތްތެރިގެ ހައްގު އެންމެބޮޑަށް ގެއްލުނު ދުވަސްވަރު: އިދިކޮޅު

މިއީ ތާރީހުގައިވެސް މަސައްކަތްތެރިގެ ހައްގު އެންމެބޮޑަށް ގެއްލުނު ދުވަސްވަރު: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 05:33
0

މިއީ ރާޢްޖޭގެ ތާރީހުގައިވެސް ޤައުމުގެ ކުރިއެރުމަށާއި، އަމިއްލަ ދިރިއުޅުމުގެ ހާލަތަށް މަސައްކަތްކުރާ މަސައްކަތްތެރިގެ ހައްގުތައް އެންމެބޮޑަށް ގެއްލިގެން ދިޔަ ދުވަސްވަރު ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮއެދުންތައް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގައްޔާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕާއި ކައުންސިލް މެމްބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކުގެ ފަރާތުން ދިވެހިރާއްޖެގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ވަނީ ފޮނުވާފައެވެ.

ދުވަހާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ބައްދަލުކުރާއިރު، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ ޙައްޤުތައް ވަނީ ގެއްލިފައިކަށެވެ. އެތައް މަސައްކަތްތެރިންނެއްގެ ވަޒީފާތައް ގެއްލި ނިކަމެތިވެ، މަގުމަތިވެފައިވާއިރު، މަސައްކަތްތެރި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާއަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރުވަނީ ފޭލްވެފައިކަމަށެވެ.

މިސަރުކާރު ވެރިކަމަށް އައީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ގިނަ ވަޢުދުތަކާއެކު. އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މަސައްކަތްތެރިންނަށް މިސަރުކާރުން ވެފައިވާ އެންމެ ބޮޑު ވަޢުދު. ނަމަވެސް މިސަރުކާރު ގެ ވެރިކަމަށް ދެއަހަރާ ބައި ވާއިރު އެންމެ ކުޑަ އުޖޫރަ އަދިވެސް ކަނޑަނޭޅިއޮތުމަކީ މިކަން ކުރުމުގައި ސަރުކާރުގެ އިޚްލާސްތެރި ކަމެއް އަދި އަހައްމިއްޔަތު ކަމެއް ނެތްކަން. މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރެވޭއިރު ސަރުކާރުގެ އެކި ލެވެލްތަކުން ނެރުއްވާ ބަޔާންތަކާއި ދައްކަވާ ވާހަކަތަކަށް ޢަމަލީ ސިފައެއް ނުގެނެވޭތީ މިކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަން.

– އިދިކޮޅު ބަޔާނުގައި ވެއެވެ.

ރިޒޯޓުތަކުގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އަނބިދަރިން ކާރިއަށް ނުދެވި ވަޒީފާގެ ތަފާތުކުރުންތަކާ ހިތްދަތިކަމާ ކުރިމަތިލާންޖެހިފައިވާއިރު، ރާއްޖޭގެ އިޤްތިސާދުގެ ލޭނާރު ކަމުގައިވާ އެންމެ މަސައްކަތްތެރި މަސްވެރިން ބާނާ މަސް ނުކިރި އެމަހަށް ހަމަ އަގު ނުލިބި މަސްވެރި ޢާއިލާތައްދަނީ ނިކަމެތި ވަމުންދާކަމަށް ބުނެފައިވެއެވެ. އަދި ކޯވިޑް 19ގެ ޙާލަތުގައި ރެޔާ ދުވާލު އިސްސަފުގައި މަސައްކަތް ކުރާ ސިއްޙީ އެހީތެރިންނާއި ފަންނީ މުވައްޒަފުންނަށް ޙައްޤު އުޖޫރައެއް ނުލިބިދާކަމީވެސް ނުހަނު ކަންބޮޑުވާކަމެއްކަމަށް ވަނީ ބުނެފައެވެ. އަދި މިފަދަ ފަރާތްތަކަށް ހަމަހަމަ ކަމާއެކު އިސްސަފުގައި މަސައްކަތް ކުރުމުން ދޭންޖެހޭ އެލަވަންސެއް ނުލިބި ވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކޯވިޑް 19 ގެ ސަބަބުން އެންމެ ބޮޑު އަސަރަކާއި ހިތްދަތިކަމެއް ތަޙައްމަލު ކުރަންޖެހިފައިވާ ބަޔަކީ ހަމަ ޔަޤީނުންވެސް މަސައްކަތްތެރިން. އޭގެ ތެރޭގައި ދުވަހު މުސާރައަށް މަސައްކަތް ކުރާ ފަރާތްތަކާއި، އަމިއްލަ މަސައްކަތުން ދިރިއުޅެމުން ގެންދާ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި އަދި އެހެނިހެންވެސް ވަޒީފާތަކުގައި ތިއްބެވި އެތައް ރައްޔިތުންނެއްގެ ޙައްޤުތައް ގެއްލިފައިވާކަން ހިތާމަޔާއިއެކު ފާހަގަކުތަރަން. މީގެ އިތުރުންވެސް، ސިޔާސީ ބޭނުމުގައި ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ނުޙައްޤުން ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާއަށް ބަދަލު ގެނައުމާއި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުން ފަދަ ޢަމަލުތައް ހިންގަމުން ގެންދާކަން ވެސް ފާހަގަކުރަން.

– އިދިކޮޅު ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް ސަރުކާރުން ވެފައިވާ ވަޢުދުތައް ވީހާވެސް އަވަހަކަށް ފުއްދާ ދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ. އަދި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި އެކަންކަމާ ގުޅުންހުރި ޤާނޫނުތައް އަވަހަށް ފާސްކޮށް، ހަލުވި ސްޕީޑުގައި މަސައްކަތްކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.