ކެބިނެޓަށް މާދަމާ ބަދަލު ގެންނަނީ

ކެބިނެޓަށް މާދަމާ ބަދަލު ގެންނަނީ

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 05:18
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޒީރުންގެ މަޖިލީހަށް މާދަމާ ބަދަލު ތަކެއް ގެންނެކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ މެދުރުގެ ވަގުތެއްގައި ކެނެބިޓްގެ ބައެއް ވަޒީރުން ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެނގިފައިވާގޮތުން ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކިކުރައްވާ އެ މަޤާމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު އައްޔަންކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެންވަޔަރަމަންޓް މިނިސްޓަރަކަށް ރައީސް އޮފީހުގެ ޕޮލިސީ އޮފީސް އައިމިނަތު ޝައުނާ އައްޔަންކުރައްވަން އުޅުއްވަކަމަށްވެސް އެނގިފައިވެއެވެ. އަދި އެމްއާރުއެމްގެ ސްލޮތެއްގައި ހަޔަ އެޑިއުކޭޝަންގެ މަޤާމުން ޑރ.އިބްރާހީމް ޙަސަން ދުރުކުރައްވާ އެ މަޤާމަށް އައްޔަންކުރައްވަނީ ކޮން ބޭފުޅެއްކަމެއް ނޭނގެއެވެ. އަދި މަލީހު ދުރުކުރައްވާފައިވާ ޓެކްނޮލޮޖީ މިނިސްޓްރީއަށްވެސް އައްޔަންކުރައްވަނީ ކޮން ބޭފުޅެއްކަމެއް ސާފެއް ނުވެއެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާނެކަމުގެ އިޝާރާތެއް ރައީސް ވަނީ އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެއްވާފައެވެ. އެގޮތުން މިހާރު އެ މަސައްކަތް ރައީސް ވަނީ ފައްޓަވާފައެވެ. ރައީސް ވަނީ އެކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވެސް ސިޓީއަކުން މިހާރު އެކަން އަންގަވާފައެވެ. ރައީސްގެ އެ ސިޓީގައި ވަނީ ވަޒީރުންނަށް ވަޒީރުކަމުގެ މަސްޢޫލިއްޔަތު އަދާނުކުރެއްވޭކަމަށް ބަޔާންކޮށްފައެވެ.

އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ގިނަވެފައިވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އެވަޒީރުން ވަޒީރުކަމުން ވަކިކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ނަމަވެސް މަޤާމުން ވަކިކުރައްވަނީ ކޮން ވަޒީރުންނެއްކަމެއް ވިދާޅުވެއް ނުވެއެވެ. ރައީސްގެ މިސިޓިއާއި ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ރައީސްއަށް ޖަވާބުދެއްވާފައިވެެއެވެ. އަދި އެކަމުގެ ކަންބޮޑުވުން އެމްޑީޕީން ފިޔަވާ އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ފާޅުކުރައްވާފައިވެއެވެ.

ބައެއް ވަޒީރުން މަޤާމުން ދުރުކުރެއްވުމަށް ރައީސް ނިންމަވާފައިވާއިރު، އެނގިފައިވާގޮތުގައި އޭގެތެރޭގައި ރައީސް މައުމޫންގެ އެމްއާރުއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ވަޒީރުން ހިމެނެއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ސަރުކާރުންވެސް އަދި އެމްއާރުއެމް އިންވެސް ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރުގެ ސްޕީޑް ލަސްކަމަށާއި، ނަތީޖާ ނުނެރެވޭކަމަސް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. މިހާތަނަށް އާއިރުވެސް ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ބައެއް ވަޒީރުން ޕްރެޝަރާހެދި ވަނީ ފެޔަށްޖެހިވަޑައިގެންފައެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓުވެސް ނަގާފައިވެއެވެ.

އެގޮތުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއާއި، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ.

މީގެ އިތުރުން ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވަނިކޮށް އިސްތިއުފާދެއްވުމަށް ރައީސް އެންގެވުމުން އިސްތިއުފާނުދެއްވުމުން ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކިކުރައްވާފައިވެއެވެ. އަދި ޓެކްނޮލޮޖީ މިނިސްޓަރުގެ އިތުބާރުނެކަމަށް މަޖިލީހުން ފާސްކޮށް މަޤާމުން ދުރުކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.