ދިވެހި ރާއްޖޭގެ ސިވިލްސާވަންޓުން ކުރައްވާ މަސައްކަތްތަކާއި، ކޮށްދެއްވާ ޚިދުމަތުގެ އަގުވަޒަންކޮށް، އެބޭފުޅުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށް ސިވިލސް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިޙް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ހީވާގިކަމާއެކު ޤައުމަށް ޚިދުމަތްކޮށްދެއްވަމުން ގެންދަވާ އެންމެހައި މަސައްކަތްތެރިންނަށް އަރިސްކުރައްވައި ނާސިޙު ފޮނުވި މެސެޖުގައި ވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ދަތި އަދި އުނދަގޫ ދަނޑިވަޅުގައިވެސް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެގޮތެއް ނުވެ ކޮށްދެއްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެެވެ.
އަދި ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ އެންމެހައި މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދިވެހި ސިވިލްސާވަންޓުންނަށް ދެއްވާފައެވެ.
މަސައްކަތެރިންގެ ދުވަހާއި ދިވެހިން ކުރިމަތިލާއިރު، ސިވިލްސާވިސްގެ ތެރޭގައިވެސް އޮތް އެންމެބޮޑު ޝަކުވާއަކީ މުސާރަ ކުޑަވުމުގެ ޝަކުވާއެވެ. އަދި މަސައްކަތްތެރިންނަށް ރައްކާތެރިކަމާއިއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތްކަމުގެ ޝަކުވާއެވެ.
މަސައްކަތްތެރިންގެ ދުވަހާއި އެކު، ސަރުކާރުން މިވަނީ ޤާނޫނުގައި ވާގޮތަށް މިނިމަމް ވޭޖް ނިޒާމު މިއަހަރު ފަހުކޮޅު ކަނޑައެޅިގެންދާނެ ކަން ސަރުކާރުން މިވަނީ ހާމަ ކޮށްފައެވެ. މީގެ އިތުރުން މަސައްކަތެރިންގެ މަސައްކަތް ކުރާ މާހައުލުގެ ރައްކާތެރިކަމަށް، އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނާއި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ޤާނޫނު މިއަހަރު ތެރޭ ފާސްވެ އަންނާނެ ކަންވެސް ސަރުކާރުން ހާމަ ކުރެއެވެ. މި ޤާނޫނުތަށް ވުޖޫދު ވުމަކީ ދިވެހި މަސައްކަތެރިން އުއްމީދު ތަކާއި މިހާރު ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކެވެ.
ކޮމެންޓު ފޮނުވާ