އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތެމްޓަން އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ސައުތެމްޓަންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އަދި ލަނޑު ޖެހުމަށް ދެ ޓީމުންވެސް ފުރުޞަތު ތަނަވަސްކުރިއެވެ. މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ސައުތެމްޓަންގެ ޖެނިކް ވެސްޓަގާޑް އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެންކަމުން މެޗުގެ ބޮޑުބައި ސައުތެމްޓަނުން ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. މި މެޗުގެ ފުރަަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެެއް ނުޖެހިއެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސައުތެމްޓަނުންނެވެ. ސައުތެމްޓަނުން ޖެހި ލަނޑަކީ މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޖޭމްސް ވާޑް-ޕްރައުޒްއެވެ. ސައުތެމްޓަނުން ލަނޑު ޖަހާ ލީޑު ނެގި ފަހުން ލެސްޓާ ސިޓީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކްތައް ގިނަކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޖޮނީ އިވަންސްއެވެ. މި ލަނޑަށް ފަހުވެސް ލެސްޓާއަށް ވަނީ ލީޑު ނެގުމަށް ހުސް ފުރުޞަތުތަކެއް ލިބި އޭގެ ބޭނުން ކުރެވޭގޮތް ނުވެފައެވެ.
މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން ހޯދި 63 ޕޮއިންޓާއެކު ލެސްޓާ އޮތީ ތާވަލްގެ 3 ވަނައިގައެވެ. ސައުތެމްޓަން 14 ވަނައިގައި އޮތީ 33 މެޗުން ލިބުނު 37 ޕޮއިންޓާއެކުއެވެ.